ޚަބަރު

އެމްޑީޕީން އުޅެނީ ވައްކަންތައް ބަލަން އުޅޭތީ ގައުމު ހަލަބޮލިކުރަން: ފަލާޙް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމްޑީޕީން އުޅެނީ އެ ޕާޓީގެ ވެރިކަމުގައި ހިންގާފައިވާ ވައްކަންތައް ބަލަން އުޅޭތީ ގައުމު ހަލަބޮލިކުރަން ކަމަށް، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ސަރުކާރާ ދެކޮޅަށް އަންނަ މަހުގެ 3 ގައި މާލޭގައި މުޒާހަރާ ކުރުމަށާއި އަދި އެ މުޒާހަރާތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ފާސްކޮށްފަ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ކޮށްފައި ހުރި ވައްކަންތައް ބަލަން ފަށާތީ އެ ޕާޓީން އުޅެނީ ގައުމު ހަލަބޮލިކުރަން ކަމަށެވެ. އަދި ޖަރީމާ ހިންގުމަށްފަހު އެހެން މީހުން ބޮލަށް ކަނޑާލެވޭނެ ކަމަށް ހީނުކުރުމަށްވެސް ފަލާހު ވިދާޅުވި އެވެ.

"ބަދަލުގެ ނަމުގައި އެކަނި 5 އަހަރު ގާތް ރަހުމަތްތެރިންނަށް 800 މިލިއަން ރުފިޔާ ބަހާލި. ކޮވިޑުގައި ޤަޢުމުތަކުން ލިބުނުހާ ހިލޭ އެހީ އެހެރީ ރާއްޖެއިން ބޭރުގައި އަމިއްލަ އެކައުންޓުތަކުގައި،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ޕްރޮޖެކްޓް ހިންގުމުގެ ނަމުގައި އެ ކަންކަން ހުރީ ކަރުދާހުގައި ސޮއިކޮށްލި ގޮތަށް ކަމަށާއި އެކުވެރި ކުންފުނިތަކަށް އެތައް ސަތޭކަ މިލިއަން ރުފިޔާ އެމްޑީޕީގެ ވެރިކަމުގައި ބަހާލާފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި ރައްޔިތުން އެހާ މޮޔަކަމަށް އެމްޑީޕީން ހީނުކުރުމަށް ވެސް ފަލާހު ގޮވާލި އެވެ.

"ތިއުޅެނީ މިހާލުގައި ގައުމު ޖައްސާފައި އަދިވެސް ހިތްނުފުރިގެންތަ. މިގޮތަށް ކިޔާނަމަ ރައްޔިތުންނަށް އެމްޑީޕީގެ ވެރިން ހިންގާފަ ހުރި ޖަރީމާތައް ހާހުން ކިޔާލަން އެބަހުރި. އިންތިޒާރުކޮށްލައްވާ ކުރި ވައްކަންތަށް އަރާހަމަކުރާނެ ހެއްކާއެކު،" ފަލާހު ވިދާޅުވި އެވެ.

Ads by Ooredoo