މާލީ ބަޔާން ހުށަނާޅާ މެމްބަރުންނަށް ނޯޓިސް ފޮނުވައިފި

މާލީ ބަޔާން ހުށަނާޅާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެ އިދާރާއިން ނޯޓިސް ފޮނުވައިފި އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް މެމްބަރުން މަލީ ބަޔާން ހުށަހަޅަން ޖެހޭއިރު މިހާތަނަށް މާލީ ބަޔާން ހުށަހެޅުއްވީ 88 މެމްބަރުން ނެވެ.
އަދި ފަސް މެމްބަރަކު މާލީ ބަޔާން އަދިވެސް ހުށަނާޅާކަމަށް މަޖިލީހުން ބުންޏެވެ.
މާލީ ބަޔާން ހުށަނާޅާ މެންބަރުންނަކީ:
- ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު (ޕީއެންސީ)
- މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަހުމަދު ޒަމީރު (ޕީއެންސީ)
- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހީމް (ޕީއެންސީ)
- ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހީން ހަބީބް (ޕީއެންސީ)
- މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (އެމްއެންޕީ)
މަޖިލީހުގެ މީޑިއާ އޮފިޝަލު "ދެން" އަށް މިއަދު ވިދާޅުވީ މަލީ ބަޔާން އާންމުކުރަން އެ ފަސް މެމްބަރުންނަށް މިދިޔަ ހޯމަ ދުވަހު ނޯޓިސް ދީފައިވާ ކަމަށެވެ.
އެ މެމްބަރުންނަށް ނޯޓިސް ދިނީ 15 ދުވަހަށެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން 15 ދުވަސް ތެރޭ މާލީ ބަޔާން ހުށަނާޅައިފިނަމަ މަޖިލީހުގެ ޖަލްސާގައި އެ މެމްބަރެއްގެ ނަން އިއްވައި ނެރެވޭނެ އެވެ. އަދި އޭގެ ފަހުން މަޖިލިސްގެ ޖަލްސާތަކުގައި ބައިވެރިވެވޭނީ މާލީ ބަޔާން ހުށަހެޅުމަށް ފަހު އެވެ.