ޚަބަރު

އާ މީޑިއާ ކޮމިޝަންއަށް މަޖިލީހުން ކަނޑައަޅާ މެމްބަރުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިންތަކެއް / ފޮޓޯ:ރައީސް އޮފީސް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ އާ ގާނޫނުގެ ދަށުން މީީޑިއާތައް ރެގިއުލޭޓްކުރަން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންއަށް މަޖިލީހުން އައްޔަނުކުރާ މެމްބަރުންގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އާ ގާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ހަތް މެމްމަބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަން އެކުލެވިގެންވަނީ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުން ހިމެނޭ ގޮތަށެވެ.

މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ މަޖިލީހުން ކަނޑައަޅާ މެމްބަރުންގެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހާ އަށް މިއަދުން ފެށިގެން ހުޅުވާލައިފައިވާ ކަމަށެވެ.

އެގޮތުން އެކަމަށް އެދި އެޕްލިކޭޝަން ފޯމާއި، ދަރަނީގެ ރެކޯޑާއި ވަނަވަރާއި އަދި ތައުލީމީ ސެޓްފިކެޓްތަކާއި އެހެނިހެން ލިޔުންތައް އެ މުއްދަތުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 30 އަހަރު ފުރިފައިވާ ދިވެއްސަކަށްވުމާއި މިީޑިއާގެ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާގައި ފަސް އަހަރުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން ހިމެނެ އެވެ.

އޭގެ އިތުރުން މީޑިއާގެ މަސްއޫލުވެރި ފަރާތެއް ނުވަތަ އެޑިޓަރެއް ކަމުގައި ނުވުމާއި އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ މީހެއްކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އޭގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށާއި ރިޝްވަތުގެ ކުށާއި އިސްލާމް ދީނުގެ ހައްދެއް ކަނޑައެޅިފައިވާ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ވެސް ވެގެން ނުވާނެ ކަމަށް  ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

Ads by Allied Insurance