ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކޮށްފި
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކޮށްފިއެވެ.
މީގެކުރިން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މާދަމާގެ ނިޔަލަށް އޮތީ ހަމަވާ ގޮތަށެވެ. ނަމަވެސް މިހާރު ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްފައެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލްވުމުގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ގަރާރެއް ނެރުއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ސޮއިކުރައްވައި ނެރުނު ގަރާރުގައި ބުނެފައިވަނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަމަށާއި އަދި ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް ލަފާދީފައިވާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މި މަހުގެ 30 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެތެރެއިން ދެ މީހަކު ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެ އިން ފުރިފަހުންނެވެ.