ޚަބަރު

މި އަހަރު ނިމުމުގެ ކުރިން 63 ރަަށަކަށް އެމްބިއުލެންސް ފޮނުވަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ދަނބިދޫގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

މި އަހަރު ނިމުމުގެ ކުރިން 63 ރަަށަކަށް އެމްބިއުލެންސް ފޮނުވަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ދަނބިދޫއަށް ވަޑައިގެން، ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެމްބިއުލެންސް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

އަދި މި އަހަރު ނިމުމުގެ ކުރިން ގިނަ އަދަދެއްގެ ރަށްރަކަަށް ފޮނުވަން އެމްބިއުލެންސް ރާއްޖެ ގެންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ހަނދާންވަނީ، 63 ރަށަށް ބޭނުންވާވަރަށް އެމްބިއުލެންސް އެބަ ގެނެވެއޭ. މި އެމްބިއުލެންސްތައް އަޅުގަނޑުމެން މި ފޮނުވަނީ، މިފަދަ ރަށްރަށަށް. އެމްބިއުލެންސް ހަލާކުވެފައި، ނޫނީވިއްޔާ އެކި ކަހަލަ މައްސަލަތައް ދިމާވެފައި ހުރި ރަށްތަކަށް." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިއްހީ ދާއިރާއަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ދާއިރާއެއް ކަމަށާއި މި ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި އެންމެ މަތީގައި އުޅޭ އެއް ދާއިރާއަކީ ވެސް ސިއްހީ ދާއިރާ ކަމަށެވެ. އެހެންވެ ސިއްހީ ހިދުމމަތް ވަރުގަދަ ކުރުމަށްޓަކައި، ވަރަށް ބޮޑަށް އިންވެސްޓް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ދަނބިދޫގެ ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތެއްގެ މަސައްކަތް މިހާރު އޮތީ ފެށިފައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަޝްރޫއާއެކު ސިއްހީ މަރުކަޒުގެ ވޯޑުގެ ޖާގަ އިތުރުކުރެވި، ނަރުސް ސްޓޭޝަން، ލެބޯރެޓަރީ ފަދަ މުހިންމު ޖާގަތައް އިތުރުކުރެވިގެންދާނެ ކަމަށެވެ.

Ads by Allied Insurance