ލަންކާއިން އަތުލައިގަތް އެ ގައުމުގެ މަސް ބޯޓަކަށް ޑްރަގް އެތެރެކުރީ ރާއްޖޭ ސަރަހައްދަކުން ނޫން
ލަންކާއިން އިއްޔެ އަތުލައިގަތް އެ ގައުމަށް ނިސްބަތްވާ މަސް ބޯޓަކަށް 300ކިލޯއަށް ވުރެ ގިނަ ޑްރަގު ބަރުކުރީ ރާއްޖެ ސަރަހައްދުން ކަމަށް އެ ގައުމުގެ މީޑިއާތަކުން ކޮށްފައިވާ ރިޕޯޓުތައް ދިވެހި ފުލުހުން ދޮގުކޮށްފިއެވެ.
ލަންކާގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި "ސީދޭވީ" ނަމަކަށް ކިޔާ މަސްވެރިކަން ކުރާ އެ ބޯޓަށް 355 ކިލޯގެ ޑްރަގު ބަރުކޮށްފައި ވަނީ ރާއްޖެ ސަރަހައްދުންނެވެ.
ލަންކާ ފުލުހުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައިވާ ގޮތުގައި، އެ ބޯޓުން ޑްރަގުގެ ބާވަތެއް ކަމަށްވާ ކްރިސްޓަލް މެތަމްފެޓަމިންގެ 251 ކިލޯ އާއި 85 ކިލޯގެ ހެރޮއިން ފެނިފައި ވެއެވެ.
އޭގެ މަގުމަތީ އަގު 5000 މިލިއަން ރުޕީސްއަށް އަރާ ކަމަށް ވެސް އެ ރިޕޯޓުތަކުގައި ބުނެފައި ވެއެވެ.
އެގައުމުގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ އެ ބޯޓުގެ ވެރިފަރާތުން މަސްވެރިކަން ކުރުމަށް އެެ ބޯޓު ހަވާލުކޮށްފައި އޮތީ އޭނާގެ ޅިޔަނަކާ ކަމަށެވެ. އެކަމަކު މަސްވެރިކަމުގެ ބަދަލުގައި މަސްތުވާތަކެތި އެތެރެކުރުމަށް އެ ބޯޓު ބޭނުންކުރާކަން ވެރިފަރާތަށް ނޭނގޭކަމަށް ވެއެވެ.
މި މީޑިއާ ރިޕޯޓުތައް ދޮގުކުރަމުން މިއަދު ދިވެހި ފުލުހުން ބުނީ އަތުލައިގަތް ޑްރަގު ބަރުކޮށްފައި ވަނީ ރާއްޖެ ސަރަހައްދުން ނޫން ކަމަށް ލަންކާގެ ރަސްމީ އިދާރާތަކުން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.
އެ އުޅަނދު އަތުލައިގަތް އިރު އެ އުޅަނދުގައި ތިބި ހަ މަސްވެރިން ލަންކާ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. މި ޑްރަގު ނެޓްވޯކުގެ އަޑީގައި ހުރި ކަމަށް ތުހުމަތު ކުރާ މީހާ ވެސް އެ ގައުމުގެ ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އެއީދުބާއީގައި އުޅޭ "ދިނުކާ" ކިޔާ މީހެކެވެ.
