ނާކާމިޔާބީގެ ހިތިރަހަ ދެެކެން ތައްޔާރަށް ނެތް މީހަކަށް ކާމިޔާބީގެ ފޮނި ރަހައެއް ދުވަހަކު ވެސް ނުލިބޭނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ކަންކަމުން ، އެކިއެކި ކާމިޔާބީތައް ހޯދައިފައިވާ އެތައް ބަޔަކު އެބައުޅެއެވެ. އަޅުގަނޑުމެންނަށް މި ފެންނަނީ އެމީހުންގެ ކާމިޔާބީއެވެ. ނަމަވެސް އެމީހުންގެ ކާމިޔާބީގައި ވެސް ނުފެންނަ ފަޅިއެއް އޮންނާނެކަން ގައިމެވެ. އެއީ އެ ކާމިޔާބީ ހޯދުމަށްޓަކައި އެމީހުން ކުރި މަސައްކަތެވެ.
މީހަކު ދުނިޔޭގެ ރިކޯޑެއް ހެދި ވާހަކަ، ނުވަތަ އިމްތިހާނަކުން ހުރިހާ މާއްދާއަކުން އޭ ސްޓާރ ގެނެސް ދުނިޔޭގެ ފެންވަރުގެ ކާމިޔާބީތަކެއް ހޯދި ވާހަކަ ބުނުމުން، އެވާހަތަތައް ގޭގެ ސިޓިން ރޫމުގައި ތިބެ ދެއްކުމަކީ ނުހަނު ފަސޭހަ ކަމަކަށް ވެދާނެއެވެ. ނަމަވެސް އެ ކާމިޔާބީ ހޯދުމަށް އެމީހަކު އެކިކަހަލަ ގޮންޖެހުންތަކާ ކުރިމަތިލައި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަން ޔަގީނެވެ. ކާމިޔާބީއަށް ކުރާ ދަތުރުގައި ބޮޑެތި އަނދަވަޅުތަކަށް ވެއްޓި އެ އަނދަވަޅުތަކުން އަރައިގަތުމަށް ވެސް ގިނަ ބުރަ މަސައްކަތްތަކެއް ކުރާނެކަން ގައިމެވެ.
ކާމިޔާބީއަކީ އެންމެ ދުވަހަކު ނުވަތަ އެންމެ ރެޔަކު ކުރާ މަސައްކަތަކުން ލިބޭ އެއްޗެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ވާ ގޮތެކެވެ. ނުހަނު ގަދަ އަޒުމާއެކު ކަމެއްގައި ކުރިއަށް ދާން ނުކުތް ނަމަވެސް ބަޔަކު މީހުން އެއްޗެއް ބުނެލާއިރަށް، މީހަކު ފާޑެއް ކިޔާލާއިރަށް އެކަމާ ދެރަވެ ހިތްވަރު އެލެނީއެވެ. އަދި ތިމަންނާއަށް މިކަމެއް ނުވާނޭ ބުނެ އެކަމެއް ކުުރުން ހުއްޓާލަނީއެވެ.
ދަންނަވަންތޯއެވެ. ދިރިއުޅުމުގައި ތަފާތު އެކިކަންކަމާ ކުރިމަތިލާން ޖެހޭނެއެވެ. ތިބާ ހިނގަން ދަސްކުރީ ނުވެއްޓި ހެއްޔެވެ؟ އެންމެ ފުރަތަމަ ފެށީ ފިރުކޭށެވެ. ފިރުކިފައި ތިބާ އުޅުނު ދުވަސްވަރުގައި ވެސް ތިބާއަށް އެކިކަހަލަ އަނިޔާވެފައި ހުންނާނެއެވެ. ނަމަވެސް ތިބާ ހުއްޓާނުލާ ހިނގޭތޯ މަސައްކަތް ކުރަމުން ދިޔައީއެެވެ. މައިންބަފައިންނާއި އާއިލާގެ އެހެން މީހުންގެ ވެސް އެއްބާރުލުމާ އެކުގައެވެ. މިއަދު ތިބާ ތިޔަ ހިނގަނީ ނުވެއްޓިއެވެ. ނަމަވެސް ވިސްނާލަ ބަލާށެެވެ. އެންމެ ފުރަތަމަ ތިބާ ހިނގަން ދަސްކުރި އިރު އެތައް ފަހަރަކު ވެއްޓުނެވެ. އެހެންކަމުން ހައްލަކީ، "ގިވްއަޕް" ކޮށް އެކުރަމުން އައި ކަންތައްތައް ހުއްޓާލުމެއް ނޫނެވެ.
ނާކާމިޔާބީގެ ހިތި ރަހަ ދެކެން ތައްޔާރަށް ނެތްނަމަ، ދިރިއުޅުމުގެ ނަވުގައި ތިބާ ކާމިޔާބީއަށް ވާސިލުވުމަށް ދަތުރު ނުފަށާށެވެ. ސަބަބަކީ ކާމިޔާބީއަށް ވާސިލުވުމަށް ޓަކައި ތިބާ ހުރަސްކުރަން ޖެހޭ ކަނޑަކީ ގަދަ ކަނޑެކެވެ. އޮޔާ ވަޔާއި ދެކޮޅަށް ގަދަ ވަޔާއި ވިއްސާރައިގައި ވެސް ދަތުރު ކުރަން ޖެހިދާނެއެވެ. ދަތުރުގައި މިޔަރާއި ފެމުނު ފަދަ ނުރައްކާތެރި އެއްޗެއްސާ ކުރިމަތިލާން ޖެހިދާނެއެވެ. އެހުރިހާ ކަމަކާ ތިބާ ކުރިމަތިލާން ތައްޔާރު ނޫންނަމަ ތިބާއަށް ކާމިޔާބީގެ ފޮނިރަހަ ނުލިބޭނެކަން ޔަގީނެވެ.