ރިސޯޓުތަކުން އުކާލާ ތެޔޮ ވިއްކަމުން ދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި
ރިސޯޓުތަކުން އުކާލާ ތެޔޮ ވިއްކަމުން ދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.
ރިސޯޓު ފަދަ ތަންތަނުން އުކާލާ ކައްކާ ތެޔޮ ބައެއް ފަރާތްތަކުން މާލެ ގެނެސް ހޮޓާ ފަދަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކުރަން ބޭނުންކުރަމުންދާތާ އެތައް އަހަރެއް ވަނީ ވެފައެވެ. އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ކުރިން އަޅާފައި ނުވާއިރު މިދިޔަ މަސް ނިމެން އުޅެނިކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ)އިން ބުނީ އެކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އަދި އެކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުލުހުން މިއަދު ބުނީ ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ ވިއްކަމުންދާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރޭ ދަންވަރު އެ މީހުން ހައްޔަރުކުރީ އެމްޕީއެލް ކޮންޓެއިނާ ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައިކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަންގައި ހައްޔަރުކުރީ ބަނގްލަދޭޝް ފަސް މީހުންނެވެ. މި މީހުން ހައްޔަރުކޮށް، ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައިފާސްކުރި އިރު ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަން ތެޔޮ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު އެކަކު ދޫކޮށްލައި، ދެން ތިބި ހަތަރު މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ދިހަ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަލް އަމީން ބޮޔަޓި (37އ) އާއި، ދުލާލް މިއާހް (32އ) އާއި، މޮހަންމަދު ރަސެލް މިއާހް (34އ) އާއި، މަންވަރު ހޮސައިން (45އ) އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

