އެސްއީޒެޑްތަކުގައި ޓައުންޝިޕް ތަރައްގީކުރެވޭ ގޮތަށް ފާސްކުރި ބިލު ތަސްދީގުކޮށްފި
އިގުތިސާދީ ހާއްސަ ސަރަހައްދުތައް ނުވަތަ އެސްއީޒެޑްތަކުގައި ޓައުންޝިޕް ތަރައްގީކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި އެ ބިލު މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހުއެވެ. އަދި ރައީސް މުއިއްޒު މިއަދު އެ ބިލު ތަސްދީގުކުރެއްވުމާ އެކު އެ ބިލު ގާނޫނަކަށްވެ މިހާރު ވަނީ އަމަލުވެސް ކުރަން ފަށައިފައެވެ. އަދި ގާނޫނުގައި މިހާރު ވަނީ ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމަށް ޓަކައި، އެ ޒޯނާގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކޮށްފައެވެ.
އެގޮތުން ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރުމުގެ ހާއްސަ ޝަރުތުތަކުގެ ތެރޭގައި، ޒޯނުގައި ކުރާ އިންވެސްޓްމަންޓަކީ 500,000,000 މިލިޔަން އެމެރިކާ ޑޮލަރަށް ވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމަންޓަކަށް ވާންޖެހޭކަމަށް ގާނޫނުގައި މިހާރު ވަނީ ހިމަނައިފައެވެ.
ހަމައެހެންމެ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމުކުރުން ނުވަތަ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތަކާއި ލަގްޒަރީ ރެސިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްގީކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމުކުރުން ވެސް ހިމަނައިފައި ވެއެވެ.
އޭގެ އިތުރުން، އެފަދަ ޒޯނުގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖްކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކަކީ ސެލްފް-ސަފިޝެންޓް އިންފްރާސްޓްރަކްޗާ އަދި ވަސީލަތްތަކެއް ކަމުގައިވުމާ އެކު، ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 ޕަސެންޓްއަކީ އިއާދަކުރަނިވި ހަކަތައަށް ވާންވާނެކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ. އެފަދަ ޒޯނެއްގައި ޑިވެލޮޕަރަށް ނުވަތަ އެފަދަ ޒޯނެއްގެ އިންވެސްޓަރުންނަށް ލިބިދެވޭ ހާއްސަ އިނާޔަތްތައް ވެސް ހިމަނައިފައި ވެއެވެ.

