ހުރިހާ ރަށެއްގައި ވެސް މަޝްރޫއުތައް ހިނގާ ތަން މިހާރު ފެންނާނެ: ރައީސް
ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މަޝްރޫއުތައް ހިނގާ ތަން މިހާރު ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ކ. ގުޅީގެ ބިން ހިއްކުމުގެ ނިމުން ފާހަގަކުރުމަށް މިއަދު އެ ރަަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަކީ ވެސް އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހަމަހަމަ ރައްޔިތުން ކަމަށެވެ. އެހެންކަމުން ރަށެއްގެ ރައްޔިތުންނަށް ކޮށްދޭނެކަމަށް ވައުދުވެފައިވާ ކޮންމެ ކަމެއް ސަރުކާރުން ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
"ނިންމަމުންދާނަމޭ. ކަންކަން ފެށި، ނިމި، ސޮއިކުރެވި، އެ ކަންކަން ފެށި، އެހެންނޭ މިދަނީ. ކޮންމެ ރަށެއްގައި ވެސް ފެނިވަޑައިގަންނަވާނެ، މިހާރު ކަންކަން ހިނގަމުންދާ ތަން، ނިމެމުންދާ ތަން، އާ މަޝްރޫއުތައް ފެށޭ ތަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެ މަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދުމަކީ، މި ސަރުކާރުގެ ޒިންމާއާއި މަސްއޫލިއްޔަތުގެ އިތުރުން އަމާޒު ވެސް ކަމަށެވެ.
"އެގޮތުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވެސް އަޅުގަނޑު އަރުވަމުން," ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ޕީއެސްއައިޕީ މަޝްރޫއުގެ ގޮތުގައި ހިންގާ 206 މަޝްރޫއު އަމިއްލަ ކުންފުނިތަކާ މިދިޔަ ހަފްތާގައި ޙަވާލުކޮށްފައެވެ. އެ މަޝްރޫއުތަކުގެ އަގު 2.7 ބިލިއަން ރުފިޔާއަށް އަރައެވެ.
