މާދަމާއާ ހަމައަށް ބަޔޯ މެޓްރިކްސް ނުދީ ހުރި ހުރިހާ ބިދޭސީން ޑިޕޯޓްކުރާނަން: ރައީސް
މާދަމާއަށް ފަހު ބަޔޯ މެޓްރިކްސް ނުދީ ހުރި ހުރިހާ ބިދޭސީން ޑިޕޯޓްކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގަން "އޮޕަރޭޝަން ކުރަނގި" ނަމުގައި ބޮޑު އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
ޕީއެންސީގެ ވެރިކަމަށް ދެ އަހަރު ފުރުމާ ދިމާކޮށް މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށްދާ ބޮޑު ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވަނީ މައިގަނޑު ތިން މައްސަލައެއް ކަމަށާއި އޭގެ ތެރެއިން އެއް މައްސަލައަކީ ބިދޭސީންގެ މައްސަލަ ކަމަށެވެ.
ރައީސް ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ހުރިހާ ސަރުކާރެއްގައި ވެސް އޮތް މައްސަލައެއް ކަމަށާއި އެކަން ކޮންމެ ސަރުކާރެއްގައި ވެސް ދިޔައީ ބޮޑުވަމުން ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ކުރަނގި އޮޕަރޭޝަން ފެށިއިރު ބިދޭސީން ރާއްޖޭގައި ތިބި އަދަދުގެ އެއްވެސް ތަފާތު ހިސާބެއް ނެތް ކަމަށެވެ.
އެހެން ނަމަވެސް މި ސަރުކާރުން ފެށި އޮޕަރޭޝަންއާއެކު 191،723 ބިދޭސީންގެ މައުލޫމާތު މިހާރު ނަގާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މާދަމާއަށް މި ހަމަވަނީ މުއްދަތު[ބަޔޯ މެޓްރިކްސް މައުލޫމާތު ދީ ނިންމަން]. މާދަމާއާ ހަމައަށް ރަޖިސްޓްރީ ނުވާ ނުވަތަ ބަޔޯ މެޓްރިކްސް ނުދޭ ބިދޭސީއަކު އަނެއް ދުވަހުން ފެށިގެން ފަށާ އޮޕަރޭޝަންގައި ފެނިއްޖިއްޔާ ވަގުތުން ޑީޕޯޓްކުރާ ގޮތަށް އޮތީ"ރައީސް ވިދާޅުވި އެވެ.
އެކަހަލަ މީހަކު ފެނިއްޖިއްޔާ ރައްޔިތުން އެކަން ފުލުހުންނާއި އިމިގްރޭޝަންއަށް އެންގުމަށާއި އޭރުން އެ މީހަކު ހޯދައި ޑީޕޯޓްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ވެރިކަމުގައި މިހާތަނަށް 9021 ބިދޭސީން ޑިޕޯޓްކޮށްފައިވާ ކަމަށެވެ.

