ދީން

ދިވެހި ޒުވާނުން ފޯރިއާއެކު ކުޅޭ “ޕޯކާރ” ގޭމަކީ ޖުވާ! މިކަން ހުއްޓާކަށް ނުވޭބާ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިވެހި ޒުވާނުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މިއަދު ފޯރިއާއެކު ކުޅެމުން އަންނަ އެއް ގޭމަކީ "ޕޯކަރ" އެވެ. ކޮފީތަކަށް އަރައި ތިބެ އަދި ގުރޫޕްތައް ހަދައިގެން އެކި ތަންތާ ތިބެ އެތައް ބަޔަކު މި ގޭމް ކުޅޭ ތަން ފެނެއެވެ. މި ކުރެވެނީ ކިހާވަރެއްގެ ކަން ވިސްނާ ނުލައެވެ. މި ކުރެވެނީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ ކަމެއްކަން ނޭނގި ތިބެއެވެ.

Ads by STELCO

މިހެން ބުނުމުން، ގޭމެއް ކުޅުމަކީ ދީނާ ޚިލާފު ކަމަކަށް ވަނީ ކިހިނެއްތޯ ބަޔަކު މީހުން ސުވާލު ކޮށްފާނެއެވެ. ސަބަބަކީ ހެއްޔެވެ؟ ސަބަބަކީ ދިވެހި ޒުވާނުން ހޭކަނޑާލާފައި މިކުޅޭ "ޕޯކަރ" ގޭމަކީ ޖުވާ ކަމުގައި ވާތީއެވެ.

މިގޭމް ކުރިއަށް ދާ ގޮތަށް ބަލާއިރު މިގޭމް ހިންގާ ފަރާތަށް ޑޮލަރު ޓްރާންސްފާ ކުރުމުން އެ ޑޮލަރަށްވާ ވަރަށް ޗިޕް ލައިދޭ ކަމަށް މި ގޭމް ކުރިން ކުޅުން ޒުވާނަކު ބުންޏެވެ. އަދި ޗިޕް ލައިދިނުމުން، ތާސްބައިން ކުޅެގެން މިގޭމުން މޮޅުވާ މީހަކަށް އެ ފައިސާތައް ލިބެއެވެ.  ދީނީ އިލްމުވެރިން ވަނީ މި ގޭމް ދިރާސާކޮށް މި ގޭމަކީ ހަމަ ކަނޑައެޅިގެން ޖުވާ ކަމަށާއި މި ގޭމް ކުޅުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމަކަށް އަރައިގަތުން ފަދަ ކަމެއްކަމުގައި ބުނެފައެވެ.

ޖުވާކުޅުމަކީ މޮޅުވާ މީހާ ދެރަވާ މީހާގެ އަތުން އެއްޗެއް ހޯދުމަށް ޝަރުޠުކޮށްފައި ކުޅޭ ކުޅިވަރުތަކެވެ. އެފަދަ ކުޅިވަރުތައް ކުޅުން އިސްލާމްދީނުގައިވަނީ ނަހީކުރައްވާފައެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ﴿٩٠﴾ إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّـهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنتُم مُّنتَهُونَ ﴿٩١﴾ [سورة المائدة]

މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ކާމިޔާބު ލިބުމަށްޓަކައެވެ. (90) ޝައިޠާނާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަން ހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!) (91) ”

ޖުވާގެ ހުރިހާ ބާވަތެއްވެސް ޙަރާމްކަމުގައި ފިޤުހުވެރިން ވަނީ އިއްތިފާޤުވެ ވަޑައިގެންފައެވެ.

މިފަދަ ކުޅިވަރުތަކުގެ ތެރޭގައި އިހުޒަމާނުގައްޔާއި މިޒަމާނުގައި އެތައް ކަމެއް ހިމެނިގެން ދެއެވެ.

އިހުޒަމާނުގައި ޖުވާގެ ގޮތުގައި ކުޅެ އުޅުނު ކުޅިވަރުތަކުގެ ތެރޭގައި ޑައިސްގެ ކުޅިވަރުތަކާއި ރާޒުވާއާ އަދި ހިލައިންނާ އެނޫން އާލާތްތައް ބޭނުންކޮށްގެން ކުޅުނު ކުޅިވަރުތައް ހިމެނެއެވެ.

މިޒަމާނުގައިވެސް އެފަދަ ކުޅިވަރުތައް ފައިސާއަށް ކުޅެއުޅެއެވެ. އަދި އޭގެ އިތުރަށްވެސް މި ޒަމާނުގައި ޢާންމުވެފައިވާ ކުޅިވަރުތަކުގެ ތެރޭގައި: ވާދަ ޖަހައިގެން ކުރާ ކަންތައްތަކުގައި ބެޓް ކުރުމާއި ޖުވާކުޅޭ ތަންތަނުގައްޔާއި އެނޫން ތަންތަނުގައި އެކި ނަންނަމުގައި ކުޅޭ ކުޅިވަރުތައް ހިމެނެއެވެ. އޭގެ ތެރޭގައި: Roulette އާއި Blackjack އާއި Poker އަދި މިނޫނަސް އެތައް ނަންނަމުގައި ކުޅޭ ކުޅިވަރުތަކެއް ވެއެވެ.

ދިވެހިރާއްޖޭގެ ބައެއް ރަށްރަށުގައި ކޮފީތަކަށް އަރައި ތިބެ ފައިސާ ބަހައްޓައިގެން ވެސް ޖުވާ ކުޅެ އުޅޭކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ހަމަ ކޮންމެ މީހަކުވެސް ވަކިވަރަކަށް ފައިސާ ޖުވާކުޅޭ މޭޒުގެ މަތީގައި ބަހައްޓައެވެ. އަދި ތާސްބައި ބޭނުން ކޮށްގެން މި ގޭމް ކުޅެން ފަށައެެވެ. އެހުރިހާ ފައިސާތަކެއް ވެސް ލިބޭނީ އެ މޮޅުވާ މީހަކަށެވެ.

ޖުވާ ކުޅުން ނަހީކުރައްވާފައިވުމުގެ ބައެއް ހިކުމަތްތައް

އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ކަމެއް ކުުރުން މަނާ ކުރައްވާފައި ވަނީ ވެސް ނުވަތަ ކަމެއް ކުރުމަށް އަންގަވާފައި ވަނީ ވެސް އެކަމެއްގައި ގިނަ ހިކުމަތްތަކެއް ވާތީއެވެ. އެގޮތުން ޖުވާ ކުޅުން ނަހީކުރައްވާފައި ވަނީ ވެސް ގިނަ ހިކުމަތް ތަކަކަށް ޓަކައެވެ. އެ ހިކުމަތްތަކަށް ބަލާލަމާ ހިނގާށެވެ.

ޖުވާކުޅުން ނަހީކުރެއްވިއިރު މިކަން ނަހީކުރެއްވުމުގެ ބައެއް ޙިކުމަތްތައް، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ.

1)އޭގެ ތެރެއިން އެއްކަމަކީ އެއީ މީސްތަކުންގެ މެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އިތުރުވެގެންދާ ކަމެކެވެ.

2) އަދި އެއީ ﷲ ހަނދުމަކުރުން އިންސާނާ ޣާފިލުކުރުވާ ކަމެކެވެ. މިކަންވެސް ވަނީ އެކަން ނަހީކުރެއްވިއިރު އަންގަވާފައެވެ.

3) އަދި އެއީ ބާޠިލު ގޮތުގައި މީސްތަކުންގެ މުދާ ކެއުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

އަދި ދުނިޔަވީ ހަމަތަކުން ބަލާއިރުގައިވެސް މިފަދަ ކުޅިވަރުތައް ކުޅެގެން ލިބޭ ގެއްލުންތައް ފޫ ނުބެދި، ބައެއް ފަހަރު މުޅި މީހާ ދަރާ ވިކިގެން ދެއެވެ. އަދި އެކަމުގެ ސަބަބުން ނުބައި ނުލަފާ މީހުންގެ އަތްދަށުވެގެން ދެއެވެ.

ޖުވާކުޅުމަކީ ބޮޑު ފާފައެކެވެ. ބޮޑެތި ފާފަތައް ބަޔާންކޮށް އިމާމު ޛަހަބީ رحمه الله ލިޔުއްވާފައިވާ ފޮތެއްކަމުގައިވާ الكبائر ގައިވެސް މިކަން ފާހަގަކުރައްވާފައިވެއެވެ. އަދި އިބްނު ޙަޖަރު އަލްހައިތަމީ رحمه الله އެ މައުޟޫގައި ލިޔުއްވާފައިވާ الزواجر ގައިވެސް ބޮޑެތި ފާފައިގެ ތެރެއިން މިކަން ހިމަނުއްވާފައިވެއެވެ.  ފަހެ މިކަމަށް އަރަގަނެވިފައިވާ މީހަކު ނަމަ މިފާފައަށް ތައުބާވާން ޖެހޭނެއެވެ. އަދި ކޮންމެވެސް މިންވަރެއް ޞަދަޤާތް ކުރަންވާނެއެވެ.

ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘް ބަސްފުޅުން، މިކަމުގެ ނުބައިކަން އެނގިގެން ދެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((مَنْ قَالَ لِصَاحِبِهِ: تَعَالَ أُقَامِرْكَ، فَلْيَتَصَدَّقْ)) [رواه البخاري في صحيحه برقم: (4860)]

މާނައީ: ”މީހަކު އޭނާގެ އެކުވެރިޔާގެ ގާތުގައި: ’ޖުވާކުޅެން އަންނާށޭ‘ މިފަދައިން ބުނެފިނަމަ ފަހެ ޞަދަޤާތެއް ކުރާށެވެ.“

މިޙަދީޘަށް އިޝާރާތް ކުރައްވަމުން އިމާމު އައްޛަހަބީ رحمه الله ވިދާޅުވިއެވެ.

”އެފަދައިން ހަމައެކަނި ބުނެލުމުން ކައްފާރާއެއް ނުވަތަ ޞަދަޤާތެއް ދޭން ޖެހެއެވެ. ދެން އެކަންކުރުމުގެ ނުބައިކަމާމެދު ވިސްނާލާށެވެ.“

މިކަން ހުއްޓާކަށް ނުވޭބާ؟

އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ކަމެއް ކުރުން ނަހީކުރައްވާފައި ވުމުން އެކަމަކުން ދުރުހެލިވެ ތިބުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމަކަށްވާއިރު އަޅުގަނޑުމެންގެ ތެރެއިިން ބައެއް ޒުވާނުން މިގޭމް ކުޅުން މަތީ ދެމިތިބުމަކީ ނުހަނު ހިތާމަކުރަން ޖެހޭ ކަމެކެވެ. އެޒުވާނުންގެ އަނބިދަރީންނާއި އާއިލާގެ މީހުންނަށް އެ ކާންދެވެނީ "ހަލާލު" ގޮތެއްގައި ހޯދާ ފައިސާތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލަން އެބަޖެހެއެވެ. 

ހަމައެހެންމެ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް މިފަދަ ގޭމްތައް ކުޅުން ރާއްޖޭގައި "ބްލޮކް" ކުރުމަކީ ވެސް މާ އުނދަގޫ ކަމަކަށް ނުވާނެއެވެ. ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި މިފަދަ ކުޅިވަރުތައް ކުޅުމަށް ފުރުސަތު ހުޅުވާލާފައި އޮވެގެން ނުވާނެ ކަމުގައި ދެކެމެވެ.

ދުއާއަކީ މިގޭމް ކުޅޭ ދިވެހި ޒުވާނުންނަށް ހެޔޮ ވިސްނުން ދެއްވާ އެ ޒުވާނުން މިގޭމް ކުޅުން ހުއްޓާލާނެ ދުވަހެއް ދެއްކެވުމެވެ.

 

މަސްދަރު:އައްޝައިޚް އިމްރާން މުޙައްމަދު/ޖަމްއިއްޔަތުއްސަލަފް

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!