އެމްޑީޕީއަށް ރަނގަޅުވާނީ އަޅުގަނޑާއި ސޯލިހު ވެސް ވާދަނުކުރިއްޔާ: ނަޝީދު
މިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޕާޓީ ހަރާބުކޮށްލުމުން ކަމަށާއި ދެން ރަނގަޅު ވާނީ ސޯލިހާއި އެމަނިކުފާނު ވެސް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު މި ފަދައިން ވިދާޅުވީ އެމްޕީޑީގެ ގިނަ މެންބަރުން ތިއްބެވި ވަޓްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ނަޝީދު ވިދާޅުވީ ހިޔާލުތަފާތުވުންތަކަށް ހައްލު ހޯދަން މަސައްކަތާއި ނަޝީދު ދޫދެއްވި ވަރު ފައްޔާޒު މިހާރު ސާފުކޮށްދެއްވައިފައިވާ ކަމަށެވެ.
ރިޔާސީ ޕްރައިމަރީގައި ސޯލިހުއާ ވާދަނުކުރައްވާ ގޮތަށް ދެ ފަހަރު މަތިން އެއްބަސްވި ނަމަވެސް ސޯލިހުގެ ފަރާތްޕުޅުން ނިޒާމީ ވޯޓަށް ދޫދެއްވާފައި ނުވާ ކަން ނަޝީދު ފާހަގަކުރެއްވިއެވެ.
"ސޯލިހު އާއި ސޯލިހުގެ އަރިސް ބޭފުޅުން ދެކިލެއްވީ އަޅުގަނޑާ ނުލާ ވެސް ކާމިޔާބުވާނެކަމަށް. މުޅި ތަން ހަރާބުކުރީ ސޯލިހު," ނަޝީދު ލިއުއްވައިފައި ވެއެވެ.
2028ގެ ރިޔާސީ އިންތިހާބުގައި އެންމެ ރަނގަޅު ގޮތަކީ ސޯލިހް އަދި ނަޝީދު ވެސް ވާދަނުކުރެއްވުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެންމެން އެއް ކެންޑިޑޭޓަކަށް ތާއީދުކުރެއްވުމަށް ވެސް ނަޝީދު އެދިވަޑައިގެންނެވި އެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު ފައްޔާޒު ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ފައްޔާޒު އިސްތިއުފާ ދެއްވީ އެމްޑީޕީގެ އެޑްވައިޒަރާއި އެ ޕާޓީގެ ރައީސް އަށް ފުރިހަމަ އިހުތިޔާރާއި ބާރާ އެކު ކަންކަން ނިންމަން ޖާގަ ދެއްވުމަށެވެ.
މަންޒަރު ފެންނަ ގޮތުން ނަޝީދާއި އެ މަނިކުފާނުގެ ވަފާތެރިން ތިބީ 2028ގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒަށް ތާއީދުކުރައްވައިގެނެވެ.

