އަތޮޅު ކައުންސިލްތައް އުވާލަން ހުށަހެޅި އިސްލާހު ފާސްކޮށްފި
އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ. އެ ބިލުގައި، ގާނޫނުއަސާސީއަށް ހުށަހެޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި، އަތޮޅު ކައުންސިލް ވުޖޫދުކުރުމާއި، އެކުލެވިގެންގާ ގޮތް ބަޔާން ކުރުމާއި، އަތޮޅު ކައުންސިލްތައް އިންތިހާބު ކުރަން ވޯޓު ނަގަން ޖެހޭ ގޮތަށް ބަޔާންކޮށްފައި އޮތް ބައި އުނިކުރުން ހިމަނާފައިވެއެވެ.
އެ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ 75 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވައިފައި ވަނީ އެމްޑީޕީގެ 12 މެންބަރުންނެވެ.
ބިލު ފާސްކުރިޔަސް، ބިލަށް އަމަލުކުރަން ފަށާނީ ދެން އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ފަހުއެވެ. މާނައަކީ އަތޮޅު ކައުންސިލްތައް އުވޭނީ މިހާރު ހިނގާ ދައުރު ނިމުމުންނެވެ.
ގާނޫނުއަސާސީއަށް ޝުޖާއު ހުށަހެޅުއްވި އަނެއް އިސްލާހަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ އެ މެންބަރުންގެ ގޮނޑިއާ މެދު، މެންބަރުގެ ދާއިރާގެ މެންބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. އެބައި ވަނީ ބިލު ދިރާސާކުރިއިރު ކޮމެޓީ މަރުހަލާގައި އުނިކޮށްފައެވެ.
