އަރަބިއްޔާ ކުރިން ހުރި އިމާރާތް ތަޅައިލައި ޕާކިންއާ އެކު ކޮމިއުނިޓީ ޕާކެއް ތަރައްގީކުރަނީ
އަރަބިއްޔާ ކުރިން ހުރި އިމާރާތް ތަޅައިލައި ޕާކިންއާއެކު ކޮމިއުނިޓީ ޕާކެއް ތަރައްގީކުރަން ނިންމައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ދެހާސް ތޭރަވަނަ އަހަރު ، ޗާންދަނީ މަގުގައި ހުޅުވި އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ރެނދުލުމާ ގުޅިގެން ކިޔަވައިދިނުން ރައްކާތެރި ނޫން ކަމަށް ކަނޑައަޅައި އެ އިމާރާތް ހުސްކުރީ 2021ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން އެ ސްކޫލުގެ ކިޔެވުން ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ކުރިން ހިންގި އިމާރާތަށް ވެސް ބަދަލުކުރިއެވެ.
ރައީސް މުއިއްޒު މައްޗަށް ގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވިދާޅުވީ އަރަބިއްޔާ ކުރިން ހިންގި އިމާރާތް ތަޅާލަން ޕަބްލިކް ވޯކްސްއިން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެ ތަން ތަޅައިލުމަށް ފަހު މައިގަނޑު ދެ ގޮތަކަށް އެ ސަރަހައްދު ބޭނުންކުރަން ނިންމައިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އެ މުޅި ބިމަކީ، ގޯއްޗަކީ 11،000 އަކަފޫޓުގެ ގޯއްޗެއް، އެތަނުގައި އެންމެ ފުޅާކޮށް ނުވަތަ ބޮޑު ސަރަހައްދެއް ޕާކިންއަށް ސައިކަލް ފަދަ ޕާކިންއަށް ބޭނުން ކުރެވޭނެ ގޮތަށް ކަނޑައެޅުމުގެ އިތުރަށް، ޕާކެއް، ކުޑަކުދިންނަށް ނޫނިއްޔާ ސްކޫލްތަކަށް އަންނަ ކުދިންނަށް ބެލެނިވެރިންނަށް ވެސް ބޭނުންކޮށްލެވޭ ކަހަލަ، މަޑުކޮށްލެވޭ ކަހަލަ ކޮންސެޕްޓެއްގައި ބޭނުން ކޮށްލެވޭ ކަހަަލަ ގޮތަކަށް ގްރީން ސްޕޭސްއެއް ތަރައްގީ ކުރުން، ޕާކިންއާއި ކޮމިއުނިޓީ ޕާކަކަށް، ބޭނުން ކުރެވޭ ކަހަލަ ގޮތަކަށް ދެ ލެވެލްއަކަށް އަންނަ ކަހަލަ ތަރައްގީގެ މަޝްރޫއެއް ހިންގަން،". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެތަން ތަރައްގީކުރާން ރައްޔިތުންނަށް ހިޔާލު ހުށަހެޅޭނެ ކަމަށާއި އަދި އެ ހިޔާލުތަކާ އެއްގޮތަށް ތަރައްގީކުރަން ސަރުކާރުން އޮތީ ތައްޔާރަށް ކަމަށެވެ.
"އަޅުގަނޑު މިހާރު ބޭނުންވަނީ ވަރަށް ބާރު ސްޕީޑުގައި އެ މަސައްކަތް ކުރިއަށް ގެންދަން. ގެންގޮސް މި އަންނަ ރަމަޟާން މަސް އަންނަންވާ އިރަށް އެ ތަން ނިންމައިލެވޭތޯ ބަލަން" ރައީސް ވިދާޅުވިއެވެ.

