ކުވައިތުގެ އާ އަމީރު ޝައިޚް ނަވާފް އައްޞަބާޙް މަޤާމުގެ ހުވާ ކުރައްވައިފި
ކުވައިތުގެ އަމީރު ޝައިޚް ޞަބާޙް އަލްއަޙްމަދު އައްޞަބާޙް ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވުމާއި ގުޅިގެން ހުސްވި އަމީރުގެ މަގާމަށް އެމަނިކުފާނުގެ ކޮއްކޯފުޅު ޝައިޚް ނަވާފް އަލްއަޙްމަދު އައްޞަބާޙް ހަމަޖައްސަވާ ، މަގާމުގެ ހުވާ ކުރައްވައިފިއެވެ.
އުމުރުފުޅުން 83 އަހަރުގެ ޝައިޚް ނަވާފް މަގާމުގެ ހުވާކުރުން އޮތީ އިއްޔެ ކުވައިތުގެ ގާނޫނު ހަދާ މަޖިލީހުގައެވެ.
ކުވައިތުގެ 16 ވަނަ އަމީރުގެ ހުވާ ކުރެއްވުމަށްފަހު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ބޭބޭފުޅު ޞަބާޙް އަލްއަޙުމަދު އައްޞަބާޙްގެ ޒިކުރާ އައު ކުރެއްވިއެވެ، އެމަނިކުފާނު ވިދާޅުވީ މަރުޙޫމް ޝައިޚް ޞަބާޙް ދެއްކެވި މަގު ފަޚުރުވެރިކަމާއެކު ބަލައިގަންނަވާނޭ ކަމަށެވެ. އަދި އެމަނިކުފާނުގެ ލަޔާގަތާއި ގާބިލްކަން ތަންދިން އެންމެ ފުރިހަމަ މިންވަރަކަށް އެމަނިކުފާނުގެ ޒިންމާ އަދާ ކުރައްވާނޭ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
ކުވައިތުގެ ވެރިކަމުގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން އެގައުމުގައި އޮންނަނީ އައްޔަން ކުރެވޭ ވެރިކަމަކާއި އިންތިޚާބު ކުރެވޭ މަޖިލީހެކެވެ. އެ ގައުމުގެ ތާރީޚް ބުނާ ގޮތުގައި މީލާދީން 1752 އިން ފެށިގެން ވެރިކަން ކުރަމުން ދަނީ އައްޞަބާހްގެ ޢާއިލާއިންނެވެ.
ޝައިޚް ނަވާފް އިއްޔެ އަމީރުކަމުގެ މަގާމާ ޙަވާލު ވަޑައިގެންނެވިއިރު އެމަނިކުފާނުގެ ބޭބޭފުޅު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވީ އޭގެ ކުރީ ދުވަހު އެވެ. ބޭބޭފުޅު ޞަބާޙް އަޙްމަދު އައްޞަބާޙް ދުނިޔެ ދޫކުރެއްވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ. އެމަނިކުފާނުގެ އާލާސްކަންފުޅާ ގުޅޭ މައުލޫމާތެއް އަމީރުގެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޖުލައި 18 ވަނަ ދުވަހު މެޑިކަލް ޗެކްއަޕެއް ހެދުމަށް އެމަނިކުފާނު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ. އަދި އޭގެ އެއް ދުވަސް ފަހުން އެމަނިކުފާނުގެ ސާޖަރީއެއް ވަނީ ކޮށްފައެވެ. އޭގެ ފަހުން ޖުލައި 23 ވަނަ ދުވަހު އެމަނިކުފާނު ވަނީ އިތުރު ފަރުވާއަށް އެމެރިކާއަށް ގެންގޮސްފައެވެ.