ވަގުތީ ޗެއާޕާސަނެއް ނުހޮވި އެމްޑީޕީގެ ބައްދަލުވުން ނިންމައިލަން ޖެހިއްޖެ
ވަގުތީ ޗެއާޕާސަންގެ މަގާމަށް މީހަކު ނުހޮވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން މިރޭ ނިންމައިލައިފިއެވެ.
އެ މަގާމަށް ދެ ނަމެއް ހުށަހެޅިއެވެ. އެއީ ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ވަހީދުއާއި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމެވެ.
ނަމަވެސް އެމްޑީޕީގެ ލީގަލް ޓީމުން ލަފާ ދިނީ އަސާސީ ގަވާއިދު އޮތް ގޮތުން ވަގުތީ ޗެއާޕާސަނަކަށް ކުރިމަތިލެވޭނީ ގައުމީ މަޖިލިސްގެ މެންބަރަކަށެވެ.
ދެން ވޯޓަށް އެހީ އަބްދުﷲ ވަހީދުގެ ނަމެވެ. ނަމަވެސް ރަނގަޅަށް ވޯޓު ނުނެގެނީސް އެއް ބަޔަކު އަޑުގަދަކުރަން ފެށިއެވެ. އޭރު ރިޔާސަތުން އިއުލާންކުރީ އަބްދުﷲ ވަހީދަށް ލިބުނީ 47 ވޯޓްކަމަށާއި ނަން ފަސްވާން މަދުވެގެން 48 ވޯޓު ބޭނުންވާ ކަމަށެވެ.
އެ ހިސާބުން ގައުމީ މަޖިލިސް އިތުރަށް ހަލަބޮލިވިއެވެ. އަބްދުﷲ ވަހީދަށް ތާއީދުކޮށްގެން ތިބި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ކަމުން މިދިޔަ ހަފުތާ އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލްގެ ޓީމު މެންބަރުން ގޮވަމުން ދިޔައީ އަބްދުﷲ ވަހީދު އިންތިހާބުވެފައިވާ ކަމަށެވެ.
އަސްލަމްގެ ނަން ހުށަހެޅުއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ މެންބަރުންނެވެ. އެ މީހުން އޭރު ހިތްހަމަ ނުޖެހިގެން އުޅުނީ އަސްލަމްގެ ނަން ބަލައިނުގަތުމުންނެވެ.

