ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް އަންނަ އަހަރުގެ މެދު ތެރޭގައި ނިމޭނެ: އާޒިމް

ހދ. ހަނިމާދޫގެ މަގުތައް ތާރުއަޅައި ޒަމާނީ ފެންވަރަށް މަގުތައް ހެދުމުގެ މަސައްކަތް އަންނަ އަހަރުގެ މެދު ތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ "ރާއްޖެ ޓީވީ" އަށް ދިން އިންޓަވިއުއެއްގައެވެ.
ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ފެން ހިންދާ ނިޒާމުގެ ހުރިހާ މަސައްކަތެއް ނިންމާލެވިފައިވާ ކަން ފާހަގަކޮށް އާޒިމް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ދުވާރު ހެދުމުގެ މަސައްކަތާއި ތާރު އެޅުމަށް ބޭނުންވާ ބެޑް ހެދުމުގެ މަސައްކަތް ކަމަށެވެ.
އެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ މި މަޝްރޫއަކީ އެ ކުންފުނިން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި ބޭނުން ވަނީ ވީހާ ވެސް އަވަހަށް މަސައްކަތް ނިންމާލާ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއް ހޯދައި ދިނުމަށް ކަމަށެވެ.