ޚަބަރު

ކުރީގެ ރައީސުންނަށް ދެމުން އައި އޮފީސް އެލަވަންސް ކަނޑާލައިފި

ފާތިމަތު ރޫހީ ، ދެން އޮންލައިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސުންގެ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ތިންވަނަ އިސްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރައްވައިފިއެވެ.

Ads by STELCO

މި ބިލަކީ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

މި އިސްލާޙުގައި ހިމެނޭ މުހިންމު ބަދަލެއްގެ ގޮތުގައި، ކުރީގެ ރައީސުންނަށް ކުރިން ދެމުން އައި އޮފީސް އެލަވަންސް ވަނީ ކަނޑާލައިފަ އެވެ.

އަދި މިއީ ދައުލަތުގެ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް ބޭނުންކުރުމަށް ޓަކައި، ޚަރަދު ކުޑަކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުން ހުށަހެޅި ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި އިސްލާޙުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ރައީސްކަމުގެ ފުރިހަމަ ދައުރެއް ފުރިހަމަކުރައްވާފައިވާ ކުރީގެ ރައީސަކު، ދެވަނަ ރައީސްކަމުގެ ދައުރަކަށް އިންތިޚާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ އެހެން މަޤާމަކަށް ވަޑައިގެންފިނަމަ، އެ މުއްދަތުގައި އެ ބޭފުޅަކަށް ދެވޭ މާލީ އިނާޔަތްތައް ހުއްޓާލެވޭނެއެވެ.

އަދި، ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ކުރީގެ ރައީސަކަށް، އެ ބޭފުޅަކު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ މުއްދަތުގައި ދައުލަތުން ދޭ ރައްކާތެރިކަމާއި ސެކިއުރިޓީ ލިބިވަޑައެއް ނުގަންނަވާނެއެވެ.

މީގެ އިތުރުން، މި އިސްލާޙުގައި ވަނީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ފުރިހަމަ ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަކުރައްވާފައިވާ ކުރީގެ ނައިބު ރައީސުންނަށް ވެސް ރައްކާތެރިކަމާއި އިނާޔަތްތައް ދިނުމަށް ހިމަނާފައެވެ.

މި އިނާޔަތްތަކުގެ ތެރޭގައި، މަހަކު 30,000 ރުފިޔާގެ އެލަވަންސަކާއި، ރާއްޖެއާއި ރާއްޖެއިން ބޭރުން ދައުލަތުގެ ޚަރަދުގައި ސިއްހީ ޚިދުމަތްތައް ހިމެނެއެވެ.

އަދި، މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުރީގެ ރައީސެއް ނުވަތަ ނައިބު ރައީސެއް، މަގާމުގައި ހުންނަވައިގެން ކުރެއްވި ކުށެއް ސާބިތުވެގެން ކޯޓަކުން ހުކުމްކޮށްފިނަމަ، އެ ހުކުމް ކުރާ ދުވަހުން ފެށިގެން، އެ ޤާނޫނުގެ ދަށުން ދެވޭ ހުރިހާ ރައްކާތެރިކަމާއި އިނާޔަތްތަކެއް އެ ބޭފުޅާއަށާއި އެ ބޭފުޅާގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށް ހުއްޓައިލެވޭނެއެވެ.

މި ބިލު ތަސްދީޤު ކުރެއްވުމާ އެކު، މި އިސްލާޙު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި އެއަށް ޢަމަލުކުރަން ފަށައިފައެވެ.