ޚަބަރު

ބާޒާރުމަގު ރޯދަ މަސް ނިމެންވާއިރަށް ނިންމޭތޯ ދަނީ ބަލަމުން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް

މާލޭގެ ބާޒާރު ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް އަންނަ ރޯދަ މަސް ނިމެންވާއިރަށް ނިންމަން މަސައްކަތް ކުރަމުންދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު މިރޭ ވިދާޅުވީ ޗައިނާގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ހަދަން ފަށަން ކުރަން ޖެހޭ ކަންކަން ނިންމަން ދުވަސްތަކެއް ނަގާނެ ކަމަށެވެ.

އެހެންވެ މަގުތަކުގެ ފެންވަރު ރަނގަޅުކުރަން މިހާރު ވެސް ކުރެވެން ހުރި ކަންކަން ކުރެވޭތޯ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މާލޭގެ ބޭރު މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ނުހިމެނޭ ބާޒާރު މަތީގެ މަގު ހަދަން އޮތީ ފަށައިފައިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ބާޒާރުމަތި ވަރަށް ތޮއްޖެހޭ ތަނެއް އެއީ. ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ބާޒާރު މަތީގައި މަގު ފުޅާކޮށް ދެކޮޅަށް ދެ ލޭން އޮންނަ ގޮތަށް ދުއްވޭ ގޮތަށް މަގު ފުޅާކުރުމުގެ މަސައްކަތް އެބަ ބާރަށް ހިނގާކަން" ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ އެ މަސައްކަތް ރޯދަ މަސް ނިމެންވާ އިރަށް މި ބަލަނީ ބާޒާރު މަތީގައި އެންމެ ބާރު ބޮޑު ސަރަހައްދުގައި ނިންމާލަން. އެއީ އެމްޕީއެލް ސަރަހައްދުން ގޮސް މަސް މާރުކޭޓާ ހަމައަށް ނޫނީ އިއްޒުއްދިން ފާލަމާ ހަމައަށް" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތް ނިމުމުން ބާޒަރު ސަރަހައްދަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!