ޚަބަރު

"ޝަރުތު ހަމަވާ" މީހުންގެ ލިސްޓުތައް މިސަރުކާރުން ނެރޭ ގޮތުން ރައްޔިތުންނަށް އޮޅޭ: ޑރ. މުޢިއްޒު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި ސަރުކާރުން ހިޔާ ފްލެޓުތަކަށް "ޝަރުތު ހަމަވާ" މީހުންގެ ލިސްޓު ނެރޭ ގޮތުން ރައްޔިތުންނަށް އޮޅުން އަރަމުންދާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ ފްލެޓްތަކަށް "ޝަރުތު ހަމަވާ މީހުން"ގެ ލިސްޓްތައް ނެރުނަސް، އެކި ކެޓަގަރީތަކުން ދެނީ ކިތައް ފްލެޓުކަން ބަޔާންކޮށް ވަކި އިއުލާނެއް ކޮށްފައިވާ ކަމަށެވެ، ހަމައެއާއެކު ސަރުކާރުން އިއުލާނު ކޮށްފައިވާ ލިސްޓުތަކުގައި އެބޭފުޅެއްގެ ތަރުތީބު ނަންބަރު އެއަދަދަށްވުރެ ދަށުގައިވާ އެއްވެސް ބޭފުޅަކަށް ފްލެޓެއް ނުލިބޭ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"މިސާލަކަށް އެޗް8 ކެޓަގަރީގެ ލިސްޓުގައި 1773 ވަނައިން ފެށިގެން ދަށުގައި ލިސްޓުގައިވާ ހުރިހާ ބޭފުޅުންނަކީ ފްލެޓު ނުލިބޭ ބޭފުޅުން. މިސަރުކާރުން ލިސްޓު އާއްމުކުރަމުންދާ ގޮތުން ("ޝަރުތު ހަމަވާ" މީހުންގެ ލިސްޓުގެ ނަމުގައި)، ރައްޔިތުންނަށް މިކަން އޮޅޭކަމުގެ މައުލޫމާތު ލިބޭ" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ބައެއް ކެޓަގަރީތަކަށް މި ސަރުކާރުން ކަނޑައަޅާފައިވާ ފްލެޓުތަކުގެ އަދަދުތައް ވެސް އެ ޓްވީޓުގައި މުއިއްޒު އާންމުންނާ ހިއްސާ ކުރައްވާފައި ވެއެވެ. އެގޮތުން ސަރުކާރުން ވަނީ ހަތަރު ކެޓަގަރީއަކުން ފްލެޓްދޭ އަދަދު މަދުކޮށް، ކުރިން މާލޭ ރަށްވެހިންނަށް ދޭން ކަނޑައެޅި 1000 ފްލެޓުގެ ބަދަލުގައި އެ އަދަދު 1772 ފްލެޓަށް އިތުރުކޮށްފަ އެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީގެ 475 ފްލެޓުގެ ބަދަލުގައި މިހާރު ދޭން ނިންމާފައިވަނީ 233 ފްލެޓެވެ. މީގެ އިތުރުން ޓީޗަރުންނަށް ޚާއްސަ ކުރި ފްލެޓުން 625 ފްލެޓުގެ ބަދަލުގައި 523 ފްލެޓަަށް އަދަދު ދަށްކޮށްފައިވާއިރު އެކަނިވެރި މައިންނާއި ބަފައިންނަށް 423 ފްލެޓު ދިނުމަށް ނިންމާފައިވެއެވެ. އޭގެ އިތުރުން 18 އަހަރާ 40 އަހަރުގެ ކެޓަގަރީ އަށް 805 ފްލެޓު ދޭން ވެސް ނިންމާފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!