އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް ގަފޫރު އިންތިހާބުކޮށްފި
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްގަފޫރު މޫސާ އިންތިހާބުކޮށްފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ބޭއްވި ބައްދަލުވުމުގައި، ގަފޫރަށް ވަގުތީ ގޮތުން ޕާޓީ ހިންގުން ހަވާލުކުރުމަށް ފާސްކުރީ 65 މެންބަރުންގެ ވޯޓުންނެވެ. އޭނާއަށް ވޯޓު ނުދެނީ އެންމެ މެންބަރެކެވެ.
އެ ޕާޓީގެ ހިންގުމުގެ އެންމެ އިސް މަގާމު ހުސްވީ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ބޮޑުވެގެން ގޮސް ހަމަހަމަކަމުގެ ފުރުސަތު ދޭން ވެގެން ކަމަށް ވިދާޅުވެ އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އެމްޑީޕީގެ މިދިޔަ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ މިނިސްޓަރަކަށް ހުންނެވި ފައްޔާޒު ވެސް ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވެއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އިތުރު ދައުރަށް ވާދަކުރައްވަން ބޭނުންވާކަމަށް ވާއިރު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ގެންދަވަނީ ޕާޓީގެ އެތެރޭގައި ކެމްޕެއިން ކުރައްވަމުންނެވެ.
ފައްޔާޒު މަގާމުން އިސްތިއުފާ ދެއްވައިގެން މީގެ ކުރިން ވެސް ވަގުތީ ޗެއާޕާސަނެއް ކަނޑައަޅަން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް ފައްޔާޒުގެ ފެކްޝަނާއި ސޯލިހުގެ ފެކްޝަންގެ ކޯޅުން ބޮޑުވެގެން ގޮސް އެ ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.
