ދުނިޔެ

އެމެރިކާގެ ރައީސް ޓްރަމްޕް ވެސް ކަރަންޓީނަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެމެރިކާގެ ރައީސްގެ އެޑްވައިޒަރު ހޮޕް ހިކްސް ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، އެކަމަނާއާ ޑައިރެޓް ކޮންޓެކްޓަކަށް ވާތީ ރައީސް ޑޮނާލްޑް ޓްރަންޕް ކަރަންޓީނަށް ވަޑައިގެންފިއެވެ.

Ads by WAMCO

ޓްރަމްޕް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ ކެންޕެއިންގައި އަވަދިނެތި އުޅުއްވަމުން ގެންދަވަނިކޮށް އޭނާގެ އެޑްވައިޒަރު ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށާއި އަދި އެކަމަނާއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދޭ ކަމަށެވެ. އަދި ޓްރަމްޕާއި އޭނާގެ އަނބިކަބަލުން ކޮވިޑް-19 އަށް ޓެސްޓްކޮށްފި ކަމަށާއި މިހާރު ތިބީ ކަރަންޓީންގައި ކަމަށް ވެސް ވިދާޅުވިއެވެ.

ޓްރަމްޕްއާއި ހޮޕް ހިކްސްއާ ޑައިރެކްޓް ކޮންޓެކްޓްވެފައި ވަނީ، މިދިޔަ އަންގާރަ ދުވަހު އޮހާޔޯގައި އޮތް ރިޔާސީ ބަހުސްގައި ބައިވެރިވުމަށް އެ ސްޓޭޓަށް ދަތުރު ކުރި ފްލައިޓުންނެވެ. ޓްރަމްޕާއެކު މިދަތުރުފުޅުގައި ހިކްސް ވަނީ އެއާރފޯސް ވަންގައި ދަތުރު ކުރައްވާފައެވެ. އޭގެ ފަހުން ބުދަ ދުވަހު ބޭއްވި ރެލީއެއްގައި ވެސް ރައީސްއާއެކު ހިކްސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އެމެރިކާގައި މިހާރު ޢަމަލު ކުރަމުން އަންނަ ޤަވާއިދުގެ ދަށުން ކޮވިޑް-19 ޖެހުނު މީހަކާ ސީދާ ބައްދަލުވާ މީހުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހެއެވެ.

އެގައުމުން މިހާތަނަށް 7.2 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އެ ބަލީގައި 2 ލައްކައެއްހާ މީހުން ވަނީ މަރުވެފައެވެ. އެމެރިކާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު، އެންމެ ގިނަ ބަޔަކަށް މިބަލި ޖެހުނު ޤައުމުކަން ފާހަގަ ކޮށްލެވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!