ހުޅުމާލެއިން 787 އުޅަނދެއް ޓޯވކޮށްފި
ހުޅުމާލޭގެ މަގުތަކާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އަދި ރަޖިސްޓްރީ ނުކޮށް ބަހައްޓައިފައިވާ އުޅަނދުތައް ނެގުމަށް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ ހާއްސަ މަސައްކަތް ނިންމައިލައިފިއެވެ.
މި މަސައްކަތުގެ ދަށުން ހުޅުމާލެ ފޭސް 1 އަދި 2 އިން ޖުމްލަ 787 އުޅަނދެއް ޓޯވކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޑިސެންބަރު މަހުގެ 6ވަނަ ދުވަހުގެ ހެނދުނު 07:00 އިން ފެށިގެން 2025 ޑިސެންބަރު 11ވަނަ ދުވަހުގެ ރޭގަނޑު 20:00އާ ހަމައަށެވެ.
ޓޯވކުރެވުނު އުޅަނދުތަކުގެ ތެރޭގައި ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ އިތުރުން ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތައް ހިމެނެއެވެ. އަދި 'އޭ ޒޯން' ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ވެސް ވަނީ ނަގައިފައެވެ.
ފުލުހުން ބުނެފައި ވަނީ މިފަދަ މަސައްކަތްތަކުގެ ސަބަބުން ހުޅުމާލޭގެ މަގުތަކަށް ހިތްފަސޭހަކަމާއި ފަސޭހަކަން ލިބިގެންދާ ކަމަށެވެ. އަދި އެކަން ދެމެހެއްޓުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަކޮށް މަގުތައް ސާފުކޮށް، ގަވާއިދާ އެއްގޮތަށް އުޅަނދުތައް ބެހެއްޓުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމަށް ވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

