ކުރެއްދޫގެ ހުރިހާ މުވައްޒަފުން ކޮވިޑް-19 އަށް ޓެސްޓުކުރަނީ
ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ތިބި ހުރިހާ މުވައްޒަފުނާއި މީހުން ރިސޯޓުން ފޭބުމުގެ ހުއްދަ ދިނުމުގެ ކުރިން ހުރިހާ އެންމެން ކޮވިޑް-19 އަށް ޓެސްޓު ކުރަން ނިންމައިފިއެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވީ ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު ގައުމަށް އެނބުރި ދިޔަ ފަހުން ފަތުރުވެރިޔަކު ބައްޔަށް ޕޮޒިޓިވްވިއިރު އޭގެ ދުވަސްކޮޅެއް ފަހުން އެމީހާ ބެލި ޑޮކްޓަރު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކުރެއްދޫގައި ތިބި މީހުންނާ މެދު އަމަލުކުރާނެ ގޮތެއް ޓެގް ޓީމުން މިއަދު ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުރެއްދޫގައި ތިބި އެންމެން ކޮވިޑަށް ޓެސްޓުކޮށްފަ ދޫކޮށްލާ ގޮތަށް ނިންމާފައިވާ ކަމަށާއި އެކަން ކުރަނީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ޓެގް ޓީމުން މިގޮތަށް ނިންމާފައިވާއިރު އެންމެ ފުރަތަމަ އެރަށުން މީހުން ފޭބުމުގެ ހުއްދަ ދިނީ 28 ދުވަސް ފަހުންނެވެ. އެކަމަކު ފަހުން ވަނީ އެރަށުން ފޭބޭނީ އިތުރު 14 ދުވަސް ފަހުން ކަމަށް ކަނޑައަޅާފަ އެވެ. މިއަދު އެ މުއްދަތު ހަމަވިއިރު ރަށުން ފޭބުމާއި ގުޅިގެން އެޗްޕީއޭއިން ވަކި އެއްޗެއް ބުނެފައި ނުވާތީ މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.