ޚަބަރު

ހިޔާނާތުގެ ކުށް ސާބިތުވި ޝިފާއު 109 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ހުސެއިން ޝިފާއު

ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި، ދައުލަތުން 23 ދައުވާ އުފުލައިފައިވާ، މއ. ހަނީސަކްލް / ހުސެއިން ޝިފާއު 109 އަހަރަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

Ads by MPL

ޝިފާއުގެ މައްޗަށް ސާބިތުވެފައިވަނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައިވާ "ކިންގްޑަމް އޮފް ފުރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކަކުން މުދާ ރާއްޖެ އެތެރެކޮށް، އެ މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހެދުމެވެ.

އެގޮތުން 1.9 މިލިއަން ރުފިޔާއަށް އޭނާ ވަނީ ހިޔާނާތްތެރިވެފައެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާއާއި މަނީލޯންޑަރިންގެ 7 ދައުވާގެ އިތުރުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ 9 ދައުވާއެވެ. މި ދައުވާތަކަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ އަދަބު ކަނޑައަޅައިފައެވެ.

އެގޮތުން؛

  • މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާ - 30 އަހަރުގެ ޖަލު ހުކުމެއް
  • އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ 9 ދައުވާ - 9 އަހަރާއި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް
  • މަނީލޯންޑަރިންގެ 7 ދައުވާ - 70 އަހަރުގެ ޖަލުހުކުމަކާއި، 7 މިލިއަން ރުފިޔާގެ ޖޫރިމަނާގެ އަދަބެއް

މި އަދަބުތައް އެއްކޮށްލުމުން ޖުމްލަ 109 އަހަރުގެ ޖަލު ހުކުމެއް ޝިފާއު ތަންފީޒުކުރަން ޖެހެއެވެ. މިއީ މިހައިތަނަށް ރާއްޖޭގެ ކޯޓަކުން މީހެއްގެ މައްޗަށް އިއްވި އެންމެ ބޮޑު ޖަލު ހުކުމެވެ.

Ads by Ooredoo