ޚަބަރު

ރާއްޖެއާއި އިންޑިއާ ދެމެދު ވިސާއާ ގުޅޭ ކަންކަން ހަރުދަނާކުރަން މަޝްވަރާތައް ބާއްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރާއްޖެއާ އިންޑިއާއާ ދެމެދު ބޭއްވީ ކޮންސިއުލާ ޑައިލޮގްގެ ބައްދަލުވުމުގެ ތެރެއިން--

ރާއްޖެއާއި އިންޑިއާ ދެމެދު ވިސާއާ ގުޅޭ ކަންކަން ހަރުދަނާކުރަން ދެ ގައުމުގެ ދެމެދު މަޝްވަރާތައް ބާއްވައިފިއެވެ.

އެ މަޝްވަރާތައް ކުރިއަށް ދިޔައީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިއަދު ބޭއްވި ކޮންސިއުލާ ޑައިލޮގްގެ ތިންވަނަ ބައްދަލުވުމުގެ ތެރެއިންއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި، ދެ ގައުމު ގުޅިގެން ކޮންސިއުލާއާ ގުޅޭ ކަންތައްތައް ހައްލުކުރުމުގައި މަސައްކަތް ކުރެވޭނެ ގޮތްތަކުގެ އިތުރުން، ވިސާއާ ގުޅޭ ކަންތައްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށެވެ.

އަދި، ޑައިލޮގް ބޭއްވުމުގެ މުހިއްމުކަން ފާހަގަކޮށް، އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެކަން ރާއްޖޭގެ ފޮރިން މިނިސްޓްރީން ފާހަގަކުރިއެވެ.

އެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އެންމެ އިސްކޮށް ހުންނެވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، އައިޝަތު އަޒީމާއެވެ. އަދި އިންޑިއާއިން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އެންމެ އިސްކޮށް ހުންނެވީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ، ޑރ. ބިނޮއި ޖޯޖްއެވެ.

އެ ބައްދަލުވުމުގައި ރާއްޖޭއިން ބައިވެރިވެވަޑައިގެންނެވި ވަފުދުގައި، ޚާރިޖީ ވުޒާރާ އަދި ޑިފެންސް މިނިސްޓްރީގެ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

އިންޑިއާ، ރާއްޖެއާއި ދެމެދު ބޭއްވޭ ކޮންސިއުލަރ ޑައިލޮގް ގާއިމްކުރީ ދެ ގައުމުގެ ކޮންސިއުލާ މައްސަލަތަކާ، ވިސާއާ ގުޅޭ ކަންތައްތަކުގެ އިތުރުން، ކޮންސިއުލާ ކަންކަމުގެ ގާނޫނީ އެހީ ދެފަރާތުން ހޯދުމަށް މަގުފަހިވާ ގޮތަށް، ކޮންސިއުލާ އާ ގުޅޭ މަޝްވަރާތައް ކުރުމުގެ މަގުސަދުގައި 2017 ވަނަ އަހަރުއެވެ.

އަދި 2018 ވަނަ އަހަރު ކޮންސިއުލާ ޑައިލޮގްގެ ދެވަނަ ބައްދަލުވުން ބޭއްވިއެވެ.

Ads by Allied Insurance