ޚަބަރު

އިމިގްރޭޝަން ކޮރަޕްޝަން: ލައްސާން 9 މަހަށް ޖަލަށްލާން ހުކުމްކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދާއި އިތުރު އޮފިސަރުންތަކެއް ވެގެން ބިދޭސީއަކު އަތުން ފޭރުނުކަމަށް ބުނާ މައްސަލައިގައި ދައުވާކޮށްފައިވާ އެއް އޮފިސަރު އަހްމަދު ލައްސާން ނުވަ މަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

Ads by STELCO

ލައްސާން ވަނީ ކުށަށް އިއުތިރާފްވެ ދައުލަތާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އަދަބު ކަނޑައަޅަނީ އިއުތިރާފް އެއްބަސްވުމުގައިވާ ގޮތަށެވެ.

އެއީ ފޭރުމުގެ ކުށުގެ ދައުވާއަށް ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާ އެކު 14،400ރ.ގެ ޖޫރިމަނާއެއް ދެއްކުމެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއަށް 2 މަހާއި 12 ދުވަހަށް ޖަލަށް ލުމާއެކު 14،400ރ.ގެ ޖޫރިމަނާއެއް ދެއްކުމެވެ.

ލައްސާން ގެންދަނީ ޖަލުގައި މިހާރު ހުކުމް ތަންފީޒުކުރަމުންނެވެ.

މި މައްސަލައިގައި ދެން ކުށަށް އިއުތިރާފްވެ ހުކުމްކޮށްފައި ވަނީ މުހައްމަދު އަލްސަން އިސްމާއިލްގެ މައްޗަށެވެ. އެއީ ވެސް އިމިގްރޭޝަންގެ އޮފިސަރެކެވެ. އިއުތިރާފު އެއްބަސްވުމުގައި ވަނީ ޖަލު އަދަބުގެ ގޮތުގައި ދެ މަހާއި ތިން ދުވަސް ކަނޑައެޅުމަށެވެ. ހުކުމުގެ ބާކީ ޖޫރިމަނާއަށް ބަދަލުކޮށް، ޖޫރިމަނާގެ ގޮތުގައި 45،000ރ. އެއް އަހަރުގެ ތެރޭގައި ދައްކާ ގޮތަށެވެ.

މި މައްސަލަައިގައި އަލްސަން ބަންދުގައި ދެ މަހާއި ތިން ދުވަސް ހޭދަކޮށްފައި ވާތީ އެ މުއްދަތު ހުކުމުން އުނިކުރުމުން ތަންފީޒުކުރާނެ އަދަބެއް ނެތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!