ޤާނޫނުގައި ބުނާ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ: އިލެކްޝަންސް
ކޮވިޑް-19 އާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޙާބު ގާނޫނުގައި ބުނާ މުއްދަތުގައި ބޭއްވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.
އީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދެ އިންތިހާބު މި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ކުރިން ނިންމާފައިވީ ނަމަވެސް، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ދެމެހެއްޓުމަށް ހެލްތް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
އަދި އިންތިޙާބުގެ ކަންކަން ހިނގަނީ ބިރުވެރިކަމެއް ނެތް މާހައުލެއްގައި ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާ ކުރެވޭ ގޮތަށްކަން ކަށަވަރު ކުރުމަކީ އީސީގެ މައްޗަށް ލާޒިމުކުރާ ކަމަކަށްވާއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިޙާބު ބޭއްވެން ނެތް ކަމަށް އީސީން ބުނެފައިވެއެވެ.
މީގެއިތުރުން މިހާރު އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމި، އިންތިޙާބު ބޭއްވޭނެ މާޙައުލެއް ޤާއިމުވުމާއެކު، ނުވަތަ މިކަމުގައި އަމަލުކުރާނެ ޤާނޫނީ ހައްލެއް ލިބުމާއެކު މި އިންތިޙާބުތަކާއި ގުޅިގެން ކަނޑައަޅާނެ ގޮތެއް އިއުލާނު ކުރާނެ ކަމަށްވެސް އީސީން ބުނެފައިވެއެވެ.