ޔާމީންގެ މަރު: ހައިކޯޓުން ދޫކޮށްލި ދެ މީހުން އަނެއްކާ ބަންދަށް
ބްލޮގަރު ޔާމީން ރަޝީދު ރަހުމު ކުޑަ ގޮތަކަށް މަރައިލި މައްސަލައިގައި ދަށުކޯޓުގައި ކުށް ސާބިތުވެގެން ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މިއަދު ހައިކޯޓުން އެ މައްސަލަ ދަށުކޯޓުން އަލުން ބެލުމަށް ހުކުމްކޮށް ދޫކޮށްލި ދެ މީހުން އަނެއްކާ ވެސް ބަންދުކޮށްފިއެވެ.
23 އެޕްރީލް 2017 ދުވަހުގެ ވަގުތެއްގައި ސ. ފޭދޫ، ޗަބޭލީގެ ޔާމީން ރަޝީދުގެ ދިރިއުޅޭ ގެއަށް އޭނާ ވަނުމުން ތޫނު ހަތިޔާރުން ޙަމަލާދީ ރަޙުމްކުޑަގޮތަކަށް މަރައިލައިފައިވާ މައްސަލައިގައި ދަށު ކޯޓުގައި ކުށް ސާބިތުވީ ހ. އަންނާރުމާގެ އިސްމާޢީލް ހައިޝަމް ރަޝީދުއާއި ހުޅުމާލެ ގޯތި ނަންބަރު 11399 އަޙްމަދު ޒިހާން އިސްމާޢިލްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓަށް މި މައްސަލަ ތަހުވީލު ކުރުމުން ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އެ ކޯޓުގައި އެދުމުން އެ ކޯޓުގެ އަމުރަކުން މިހާރު ބަންދުކޮށްފައިވާ ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުންޏެވެ.
ދަށު ކޯޓުގައި ހަ މީހެއްގެ މައްސަލަ ބަލައި ދެން ތިބި ހަތަރު މީހަކަށް ކުށް ސާބިތުނުވާ ކަމަށް ނިންމި އިރު، އެއިން ދެ މީހެއްގެ މައްސަލަ ޕީޖީން ހައި ކޯޓުގައި އިސްތިއުނާފް ކުރިއެވެ. އެ ދެ މީހުންގެ މައްސަލަ ވެސް އަލުން ބެލުމަށް ހައި ކޯޓުން މިއަދު އެންގިއެވެ. އެއީ ގދ، ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންއާއި މ. ތާއީފް އިސްމާއިލް ރަޝީދުއެވެ.

