އިންޑިއާގެ އިންދޯރުގައި ނަޖިސް ފެން ބޮވިގެން 15 މީހުން މަރުވެއްޖެ
އިންޑިއާގެ އެންމެ ސާފުތާހިރު ސިޓީގެ ގޮތުގައި ރޭންކުކޮށްފައިވާ އިންދޯރުގެ ސަހަރެއްގައި ނުތާހިރުފެން ބުއިމުގެ ސަބަބުން 15 މީހުން މަރުވެއްޖެއެވެ.
މަދްޔަ ޕްރަދޭޝް ސިޓީގެ އެންމެ ބޮޑު ސަހަރު ކަމަށްވާ އިންދޯރުގެ ބަގިރަތްޕޫރާ އަވަށުގައި ފެނުގެ މައްސަލަ ދިމާވެ، އިދާރާތަކުގައި ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. ފެނުގައި ނުބައި ވަސް ދުވުމާއި، ނުބައި ރަހަލާތީ ގިނަ ބަޔަކު ދިޔައީ ހަޅުތާލުކުރަމުންނެވެ.
ޓައިމްސް އޮފް އިންޑިއާއާ ހަވާލާދީ އިންދޯރުގެ މޭޔަރު، ޕުޝްޔަމިތްރަ ބަރްގަވާ ވިދާޅުވީ، ޑައިރިއާ ޖެހިގެން 15 މީހަކު މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި 270އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭގެތެރެއިން 32 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޑައިރިއާ އައުޓްބްރޭކެއް އައީ, އެ ސަރަހައްދުގައި ހެދި ޕަބްލިކް ފާނާކާއެއްގެ ހޮޅި، ބޯފެން ހޮޅިއެއްގެ މަތީގައި އެޅިއިރު، އޭގެ ނަޖިސް، ބޯފެން ހޮޅިން ދާގޮތަށް އެޅުމުން ކަމަށެވެ. އެ ފާހާނާ ހަދާފައި ހުރީ ސީޕިކް ޓޭންކު ނާޅައެވެ.
އެ ސަރަހައްދުގައި ހެލްތު ޓީމުތަކުން މައުލޫމާތު އެއްކުރަން ޑޯ-ޓު-ޑޯ ވިޒިޓްތައް ދަނީ ކުރަމުންނެވެ. މިހާތަނަށް އެއްކުރި މައުލޫމާތުން، 2،456 މީހުންނަށް އެ ފެން ބޮވިފައިވާކަމަށް ރެކޯޑުތައް ދައްކާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ފަސް މަހުގެ ކުޑަ ފިރިހެން ކުއްޖެއް ވެސް ހިމެނެއެވެ.

