ސަރުކާރު ޖަވާބުދާރީކުރުވުމަށް ކައުންސިލަރުން އިންތިޚާބުކުރާ ނަމަ އެއީ ނުބައި ސިގްނަލެއް
ރަށްރަށުގެ ކައުންސިލްތަކަށް ކައުންސިލަރުން އިންތިޚާބުކުރަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމުގައި ވާ ނަމަ އެއީ ފުރަތަމަ ވެސް ނުބައި ސިގްނަލެއްކަމަށް ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ އޮފީސް ހުޅުވުމަށް ރޭ، އެ އޮފީސް ހުންނަ، ހ.ވެޔޮވިލާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ތިންބާރު ވަކިވެފައި އޮތް ނިޒާމެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސްޢޫލިއްޔަތު އޮތީ ކޮންބަޔަކަށް ކަން ގާނޫނުގައި ވަރަށް ސާފުކޮށް ލިޔެފައިވާ ކަމަށާއި ކައުންސިލަކީ ވެރިކަން ހިންގުމުގެ ބާރުގެ ފަށަލައެއް ކަމަށެވެ.
ރައީސް ވިދާޅުވީ ކައުންސިލްތަކަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމާއި މުނިސިޕަލް ޚިދުމަތްތައް ދިނުމުގެ އިތުރުން އެ ހަވާލުކުރާ މަސައްކަތްތަކަށް އެހީތެރިކަން ދޭން ރައްޔިތުން ހޮވާ މަންދޫބުންތަކެއް ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކައުންސިލަރުން ހޮވާ ނަމަ އެ ރަށެއްގެ ތަރައްގީގެ މަސައްކަތް ހުއްޓޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ މި ގައުމުގައި ތަރައްޤީ ވަރަށް ބާރު ސްޕީޑުގައި ހިނގަން. ގައުމުގައި ހަމަޖެހުން ގާއިމުވެ، އަޅުގަނޑު ރައްޔިތުންނަށް ޓަކައި ވައުދުވެ، ރައްޔިތުން އެ ވައުދުތައް ފުއްދުމަށް އަޅުގަނޑަށް އިތުބާރުކޮށް، ދީފައި މިވާ ޒިންމާ އަދާކުރުމުގައި ބާރު ސްޕީޑުގައި ދާން" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ފަށަން ތައްޔާރުވެފައިވާ ބައެއް މަސައްކަތްތައް، ބައެއް ކައުންސިލްތަކުން ބިން ހަމަ ނުޖައްސައިދިނުމުގެ ސަބަބުން ނުފެށި އޮތްކަން ވެސް ރައީސް ރޭ ވަނީ ފާހަގަކުރައްވައިފައެވެ.

