ޚަބަރު

ވަގަށް ވިޔަފާރިކުރަމުން ދިޔަ ތިން ބިދޭސީއަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ވަގަށް ވިޔަފާރިކުރަމުން ދިޔަ ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ މުހައްމަދު އިމޮން ކަޒި(32އ.)، ކަޒި ރައިހާން(22އ.) އަދި މުހައްމަދު ޔޫސުފް ޕްރޮދަން(30އ.)އެވެ.

އެ މީހުންގެ މައްޗަށް ކުރަނީ ލައިސަންސް ނުނަގާ ވިޔަފާރިކުރުމުގެ ތުހުމަތެވެ. ނަމަވެސް އެ ތިން މީހުން ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

އެކަމަކު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލަަތަކަށް ބަލާއިރު އިންޓެލިޖެންސް ރިޕޯޓާއި ބޭންކު ސްޓޭޓްމަންޓްތަކަށް ބަލާއިރު އެ މީހުންނަށް ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ގިނަ ބަޔަކު ޝާމިލުވާކަން ވެސް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އެ މައްސަލައިގައި މުހައްމަދު އިމޮން ކައި 10 ދުވަހަށް ބަންދުކުރި އިރު ދެން ތިބި ދެ މީހުން ބަންދުކުރީ 15 ދުވަހަށެވެ.

ދިވެހީންގެ ނަންމަތީގައި ތަފާތު ދާއިރާތަކުގައި ބިދޭސީން ގެންދަނީ ރާއްޖޭގައި ވިޔަފާރިތައް ކުރަމުންނެވެ. އަދި އެފަދަ ވިޔަފާރިތަކުން ލިބެން ޖެހޭ ޖީއެސްޓީ ވެސް ސަރުކާރަށް ނުލިބޭކަމުގެ ޝަކުވާ ބޮޑެވެ. އެ މައްސަލަ ހައްލުކުރަން ދާދި ފަހުން އިކޮނޮމިކް މިނިސްޓްރީން ވަނީ ބޮޑު އޮޕަރޭޝަނެއް ވެސް ފަށައިފައެވެ.

އެ މިނިސްޓްރީން މިދިޔަ މަހުގެ 16ވަނަ ދުވަހު ބުނިގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތަކުގެ ތެރެއިން 37 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.