އަންހެނަކު ގަދަކަމުން ގޯޅިގަނޑެއްގެ ތެރެއަށް ވައްދައި ޖިންސީ ގޯނާކުރި މީހަކު އެހެން މައްސަލައެއްގައި ހޯދަނީ
2021ވަނަ އަހަރު އަންހެނަކު ގަދަކަމުން ގޯޅިގަނޑެއްގެ ތެރެއަށް ވައްދައި ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ދިވެހި ފިރިހެނަކު އެހެން މައްސަލައެއްގައި ހޯދާ ނުފެނިގެން ފުލުހުން އޭނާ ހޯދަން މިއަދު އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދަމުން ދަނީ ހދ. ވައިކަރަދޫ / މިލާފަރު، އަލީ ރަޝީދު (28އ)އެވެ.
ފުލުހުން ބުނީ ރަޝީދު ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ވާތީ އޭނާ ބަންދުގައި ބަހައްޓައިގެން މާދަމާ އެ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
އެގޮތުން ރަޝީދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އަންހެނަކު ގަދަކަމުން ގޯޅިގަނޑެއްގެ ތެރެއަށް ވައްދައި ޖިންސީ ގޯނާކުރި މައްސަލައިގައި ރަޝީދުގެ މައްޗަށް 2022 ވަނަ އަހަރު ދައުވާ ވެސް ކުރިއެވެ. އެ މައްސަލައިގައި އޭނާއާ އެކު ހައްޔަރުކުރި އެހެން މީހަކަށް ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ރަޝީދުގެ މައްޗަށް ކުށް ސާބިތުވިކަމެއް ސާފެއް ނުވެއެވެ.
ހަމައެހެންމެ 2024ވަނަ ފިހާރައަކުން އޭނާ ވިޔަފާރިކުރުމަށް ފަހު ފޭކު ސްލިޕެއް ފޮނުވި މައްސަލައިގައި 11،600 ރުފިޔާއިން އޭނާ ޖޫރިމަނާ ވެސް ކުރިއެވެ.

