ޚަބަރު

މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނާ ބައްދަލުކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

Ads by STELCO

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނަށް ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން އެ ޑްރައިވަރުންނާ އެކު ރައީސް އޮފީހުގައި މިއަދު ވަނީ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

އެބައްދަލުކުރެއްވުމުގައި މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުން ވަނީ އެބޭފުޅުންގެ މަސައްކަތުގައި ކުރިމަތިވާ މައްސަލަތަކާއި ދަތިތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވައިފައެވެ. އަދި، އެ މައްސަލަތައް ހައްލު ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން އެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ވެސް ކުރައްވައިފައެވެ.

ރައީސް މުއިއްޒު ވަނީ ޑްރައިވަރުންގެ އެ ކަންބޮޑުވުންތަކާއި ހުށަހަޅާފައިވާ ކަންތައްތަކަށް ވީހައި ވެސް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައިފައެވެ.

ޑްރައިވަރުން ފާހަގަކުރި މައްސަލަތަކާއި އެދުނު ކަންކަން

  • މުދާ އުފުލުމުގެ މަސައްކަތުގައި ގެންގުޅޭ ލޮރީތަކަށް ބަނދަރާއި ކައިރި ސަރަހައްދަކުން ޕާކިން ހަމަޖެއްސުމާއި ވެހިކަލްތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި ދިމާވާ ދަތިތައް
  • ވެހިކަލްތަކަށް ސްޕެއާ ގެނައުމުން އެތަކެތި ބޮންޑުކުރުމުގެ ސަބަބުން ދިމާވާ ދަތިތައް
  • ލޮރީ ކިއުގައި ހުރި މައްސަލަތަކަށް ހައްލުގެނައުމަށް ކުރެވިދާނެ ކަންކަން ރައީސްއަށް ދެންނެވި
  • ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތާއި އެއްގޮތަށް މުދާ ކްލިއަރ ކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވޭ އެޕްގެ މަސައްކަތް އަވަސްކުރަށް ވެސް އެދުނު
  • އައު އުޅަނދެއް އެތެރެކުރުމުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ ތެރެއިން މިހާރު ބޭނުންކުރާ ބާއުޅަނދު ނައްތާލައި، އަލަށް ގެނައި އުޅަނދު ބާ އުޅަނދުގެ ބަދަލުގައި ރަޖިސްޓްރީކޮށްދިނުމަށް ޑްރައިވަރުން އެދުނު

ޑްރައިވަރުން ވަނީ އެ ބޭފުޅުން ކުރާ މަސައްކަތަކީ އެހެން ވަޒީފާތަކެކޭ އެއްގޮތަށް ސަރުކާރުން ބަލައިގަންނަ ސައްހަ ލިޔެކިޔުމާ އެކު މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް ވެސް އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!