ހަތް މަހަށްފަހު ޢުމްރާގެ އަަޅުކަން ފެށުން، ފޮޓޯއިން!

ކޮވިޑް-19 އާއި ގުޅިގެން ޢުމްރާގެ އަޅުކަން މެދުކަނޑާލުމަށްފަހު، މިއަދު އަލުން އެމާތް އަޅުކަން ފަށައިފިއެވެ. މައްކާގައި ޢުމްރާގެ އަޅުކަން އަލުން ފަށާފައި މިވަނީ ކޮވިޑާއި ގުޅިގެން އެއަޅުކަން މެދުކަނޑާލިތާ ހަތް މަސް ފަހުންނެވެ.
އެހެން އަހަރުތަކުގެ ކޮންމެ ދުވަސްވަރެއްގައި ވެސް އަދާ ކުރެވޭ މިއަޅުކަމަށް ދުނިޔޭގެ އެކި ޤައުމުތަކުން މީހުން މައްކާއަށް ޒިޔާރަތް ކުރެއެވެ. ކޮވިޑާއި ގުޅިގެން، ޢުމްރާވުން މެދުކަނޑާލުމަށްފަހު މިއަދު އަލުން އެއަޅުކަމަށް ހުޅުވާލާފައި މިވަނީ ސަލާމަތީ ގިނަ ފިޔަވަޅުތަކަކާ އެކުގައެވެ.
ޢުމްރާގެ އަޅުކަމަށް އަލުން ހުޅުވާލާފައިވާއިރު، އެ އަޅުކަމަށް ހުއްދަ ދިނުން ތިން މަރުހަލާއަކަށް ވަނީ ބަހާލާފައެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ބައިވެރިވެވެނީ ހަމައެކަނި ސައުދީގެ ރައްޔިތުންނާއި ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންގެ ތެރެއިން 6000 މީހުންނަށެވެ.
"ފުރަތަމަ ސްޓޭޖުގައި ޢުމްރާ ވެވޭނީ ކަނޑައެޅިފައިވާ ވަކި ވަގުތުކޮޅަކަށް އެކަނި" ޙައްޖު މިނިސްޓަރ މުޙައްމަދު ބެންޓެން ވިދާޅުވެފައި ވެއެވެ. އަދި ޢުމްރާވެރީން ތިބޭނީ ގައިދުރުކަން އިސްކޮށް ގްރޫޕުތަކަކަށް ބަހާލެވިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދެވަނަ ސްޓޭޖުގައި ޢުމްރާވެރީންގެ އަދަދު ދުވާލަކު 15،000 މީހުންނަށް އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިސްޓޭޖު ފެށޭނީ އޮކްޓޯބަރ 18 ގައެވެ. އަދި މުޅިއަކު 40،000 މީހުންނަށް މިސްޓޭޖުގައި ބައިވެރި ވެވޭނެއެވެ.

ތިންވަނަ ސްޓޭޖުގައި އެހެން ޤައުމުތަކުގެ މީހުންނަށް ވެސް ޢުމްރާއަށް ދާން ހުޅުވާލެވޭއިރު، މިސްޓޭޖަށް ހުޅުވާލަނީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ދުވާލަކު 20،000 މީހުންނަށް މިސްޓޭޖުގައި ބައިވެރިވެވޭއިރު، މުޅިއަކު 60،000 މީހުންނަށް ބައިވެރިވެވޭނެއެވެ.