ޚަބަރު

ޕެޓިޝަންތައް މަޖިލީހަށް ހުށަހަޅަން ހާއްސަ ޕޯޓަލްއެއް ގާއިމުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕެޓިޝަންތައް މަޖިލީހަށް ހުށަހަޅަން ގާއިމުކުރި ހާއްސަ ޕޯޓަލް އިފްތިތާހުކުރުން--

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާކުރުމުގެ ގޮތުން މަޖިލީހަށް ޕެޓިޝަންތައް ހުށަހަޅަން ހާއްސަ ޕޯޓަލްއެއް އެ އިދާރާއިން ގާއިމުކޮށްފިއެވެ.

Ads by STELCO

އެ ޕޯޓަލް ގާއިމުކުރީ މިއަދު މަޖިލީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ އެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި، ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ އަދާހަމަ މައުލޫމާތު ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އަދި އެ ޕޯޓަލްގައި ސޮއިކުރުމާއި، ސޮއިކުރާ ފަރާތްތަކުގެ ސައްހަން ކަށަވަރުކުރާނީ 'އީ-ފާސް'މެދުވެރިކޮށް ކަމަށް ވެސް މަޖިލީހުން ބުންޏެވެ.

އެ ޕޯޓަލްގެ ސަބަބުން، ޕެޓިޝަނެއް ހުށަހެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބަރޯސާވުން ކުޑަކުރެވި، ރާއްޖޭ ކޮންމެ ހިސާބެއްގައި ހުންނަ ރައްޔިތަކަށް ވެސް ފަސޭހަކަމާ އެކު ޕެޓިޝަން ހުށަހެޅޭނެކަން މަޖިލީހުން ފާހަގަކުރިއެވެ.

އެ ޕޯޓަލް އިފްތިތާހުކުރުމާ އެކު، ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ގާނޫނު ހަދާ މަޖިލީހަކުން އިލެކްޓްރޯނިކް ޕެޓިޝަން ނިޒާމެއް ގާއިމުކޮށްފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައެވެ. މި ސަރަޙައްދުން މި ފަދަ ނިޒާމެއް މިހާތަނަށް ގާއިމުކޮށްފައި ވަނީ ހަމައެކަނި ޕާކިސްތާނާއި ތައިލެންޑުގައި އެކަންޏެވެ.

އެ ޕޯޓަލް ފަރުމާކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)މޯލްޑިވްސްއާ ގުޅިގެން، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކުގައެވެ.