ބިދޭސީ މީހާގެ މަރާ ގުޅިގެން ހައްޔަރުކުރި އެކްސްކަވޭޓާ ޑްރައިވަރުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ތިލަފުށިން މިދިޔަ މަހުގެ 26ވަނަ ދުވަހުން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު ބަނގްލަދޭޝް މީހާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އެކްސްކަވޭޓަރު އޮޕަރޭޓްކުރަން އިން ޑުރައިވަރުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިދިޔަ މަހުގެ 26ވަނަ ދުވަހުގެ މެންދުރު ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން މަރުވީ އަމީން މިއާ،(24އ) އެވެ. އޭނާ ފެނުނީ ގެއްލުނުތާ ދެ ދުވަސް ފަހުންނެވެ.
އެ މައްސަލައިގައި މި މަހުގެ ކުރީކޮޅު ހައްޔަރުކުރީ ލަންކާއަށް ނިސްބަތްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ(32އ.) އެވެ. އޭނާގެ ބަންދަށް މި މަހުގެ އެއްވަނަ ދުވަހު އޮތީ ހަތް ދުވަަސް ޖަހައިދީފައެވެ.
އޭނާގެ ބަންދުގެ މުއްދަތު މިއަދަށް ހަމަވާއިރު ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އޭނާގެ ބަންދަށް އިތުު 10ދުވަސް ވަނީ ޖަހައިފަ އެވެ.
ހެޝަން ރާއްޖެއިން ފިލައިގެންދާން އުޅޭކަމަށް ބެލެވޭ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.
ފުލުހުން ބުނީ އަމީން މިއާ މަރުވި ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާގެ ގައިގައި ޖެހުނު ނަމަވެސް، މެދުކެނޑުމެއްނެތި މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންވެ ހެޝަންގެ މައްޗަށް ކުރަނީ ގަސްދަކާ ނުލައި މީހަކު މެރިކަމުގެ ތުހުމަތެވެ.

