ދީނަށް ފުރައްސާރަކުރާ ފަރާތްތަކަށް، ޙައްޤު އަދަބު ދިނުމަށް ގޮވާލަން: ޢިލްމުވެރިންގެ ގުޅުން

ލާދީނީ ހަރަކާތްތައް ހިންގާ ފަރާތްތަކާއި އިސްލާމްދީނަށް ފުރައްސާރަ ކުރާ ފަރާތްތައް ދޫކޮށްލާފައި އޮތުމުގެ ސިލްސިލާ ނިމުމަކަަށް ގެނައުމަށާއި، އެފަރާތްތަކަށް އިސްލާމީ ޝަރީޢަތާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ޙައްޤު އަދަބު ދިނުމަށް ޢިލްމުވެރިންގެ ގުޅުމުން ގޮވާލައިފިއެވެ.
ޢިލްމްވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަހަކަށް އައިސް ދިވެހި ދައުލަތުގެ ބާރުހިނގާ ސަރަޙައްދުގެ ތެރޭގައި މާތް ﷲ އަށާއި ރަސޫލާ (ޞޢޥ) އަށް ފުރައްސާރަ ކުރުމާއި ބަދުބަސްތައް ރައްދު ކުރުން ތަކުރާރުވަމުން ދާކަމީ ނުހަނު ފާޅުކަން ބޮޑުކޮށް ފެންނަމުންދާ ކަމެއް ކަމުގައެވެ.
"މިފަދަ ކަންކަން ހިންގާ ކަމަށް ފެންނަމުންދަނީ ޣައިރު މުސްލިމުންގެ ތެރޭގައި ހިމެނޭ ނުފޫޒުގަދަ، މިފަސްގަނޑުގައި ބައިބައިވުމާއި ދެކޮޅުވެރިކަން އުފައްދަން ބޭނުންވާ ފަރާތްތަކުންކަން ފާހަގަ ކުރެވެއެވެ. ނުވަތަ އެފަދަ ފަރާތްތަކުގެ އަތުން ލިބިދާނެ ދުނިޔެވީ ކުޑަ މަންފާއެއްގެ ދަޅާގައިޖެހި ޝައިޠާނާގެ މަޅިއަކަށް ފެތިފައިވާ ދިވެހި ފަރުދުންގެ ވަރަށް މަދު ބައެކެވެ" ޢިލްމުވެރިން ގެ ގުޅުމުގެ ބަޔާނުގައި ބުނެފައިވެއެވެ.
ލާދީނީ ހަރަކާތްތައް ހިންގުމުގައި އިސްލަަމްދީނަށް މިފަދައިން ފުރައްސާރަކުރާ ފަރާތްތަކާއިމެދު އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އެންމެ ޙައްޤު އަދަބު ދިނުމަށް ޢިލްމުވެރިންގެ ގުޅުމުން ވަނީ ބުނެފައެވެ.