2 އިންތިހާބު އެއްކޮށްލާ ބިލު ކޮމެޓީން ފާސްކޮށްފި
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން، މަޖިލީސް އިންތިހާބު ބާއްވަންވާނީ ކޮންމެ ފަސް އަހަރަކުން، ރައީސް ހޮވަން ބާއްވާ އިންތިހާބާ އެކުގައެވެ.
މި ބިލު މިއަދު ކޮމެޓީން ފާސްކޮށްފައި ވަނީ އިލެކްޝަން ކޮމިޝަނާއި، ބަންޑާރަ ނައިބާއި ސިޔާސީ ޕާޓީތަކުގެ ވެސް ހިޔާލު ހޯދުމަށް ފަހުގައެވެ.
އެ މުއައްސަސާތަކުން އެކި ކަންކަން ހިއްސާކުރެއްވި ނަމަވެސް، ކޮމެޓީން ބިލު ފާސްކޮށްފައި ވަނީ އެއްވެސް އުނިއިތުރެއް ގެނައުމަކާ ނުލައެވެ.
އެ އިސްލާހުގައި، މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަސް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މި ބިލު ފާސްވުމާ އެކު، މިހާރު މިހިނގާ 20ވަނަ މަޖިލީހުގެ ދައުރު ގާތްގަނޑަކަށް 5 މަހަށް ކުރުވެގެންދާނެއެވެ.
އަދި އިސްލާހަށް އަމަލުކުރަން ފެށުމާ އެކު، 2028ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2029ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބު ބާއްވަން ޖެހޭނީ އެކީގައެވެ. އަދި މި ހިނގާ 20ވަނަ މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028އަށް ހަމަވާނެއެވެ.

