މިކުއްޖާ ފަލަ މިވަނީ ބައްޕަގެ ފުރާނަ ސަލާމަތް ކުރަން!
ލޭގެ ކެންސަރު ޖެހިފައިވާ ބައްޕަގެ ފުރާނަ ސަލާމަތްކުރަން ޗައިނާގެ 11 އަހަރުގެ ކުއްޖަކު ބަރުދަން އިތުރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ޗައިނާގެ މީޑިޔާތަކުން ބުނީ މީގެ ހަތް އަހަރު ކުރިން ލޭގެ ކެންސަރު ޖެހިފައިވާ ލޫ ޔަންހެންގްގެ ފަރުވާ އަށް ބްލަޑް ޓްރާންސްފިއުޝަން ބޯންމެރޯ ޓްރާންސްޕްލާންޓެއް ހަދަން ޖެހޭ އިރު އާއިލާގައި އޭނާއާ މެޗްވާ މީހަކަށް ހުރީ ލޫ ޒިކުއާން ކިޔާ ފިރިހެން ކުއްޖާ އެކަނި ކަމަށެވެ. އެކަމަކު އޭނާ ހިކިކަމުން މި ވަގުތު ބޯންމެރޯ ކުރިއަށް ގެންދެވޭކަށް ނެތެވެ. ލޫގެ ބަރުދަނުގައި މި ވަގުތު ހުރީ އެންމެ 30 ކިލޯ އެވެ.
އެހެންވެ ޑޮކްޓަރުން ލަފާ ދީފައި ވަނީ ބޯންމެރޯ ހަދާ ނަމަ ބަރުދަން އިތުރު ކުރުމަށެވެ. އެންމެ މަދުވެގެން ވެސް 45 ކިލޯ ހުންނަން ޖެހެ އެވެ. ރަސްމީ ބަރުދަނަކަށް 50 ކިލޯ ހުންނަން ޖެހޭތީ، ލޫ މިހާރު އަންނަނީ އެ ޓާގެޓަށް މަސައްކަތް ކުރަމުންނެވެ.
ލޫގެ މަންމަ މީޑިއާތަކަށް ބުނީ ބަރުދަން އިތުރުކުރަން ލޫ މިހާރު ދުވާލަކު ފަސް ވަގުތު ކަމުން އަންނަ ކަމަށެވެ. އަދި އޭނާ މަޑުމަޑުން ފަލަވަމުން އަންނަ ކަމަށް ބުންޏެވެ.
"އޭނަ އަކީ ބައްޕަ ދެކެ ވަރަށް ލޯބިވާ ކުއްޖެއް. އާއިލާގައި އޭނާގެ ބައްޕައާ މެޗްވާ މީހަކަށް ހުރީ ލޫ އެކަނިކަން އެނގުނު ހިސާބުން އޭނާ އަމިއްލަ އަށް ބޭނުންވި ބައްޕަގެ ފުރާނަ ސަލާމަތް ކުރަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން،" އޭނާ ބުންޏެވެ. "އަނެއްކާ އެއީ އާއިލާގައި އެންމެ ދޮށްޓަށް ހުރި ކުއްޖާ. މާލީ ހާލަތު ވެސް ހުރި ގޮތުން މި ނޫން އިތުރު ގޮތެއް ނެތް."
އޭނާ ބުނި ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޔަންހެންގް ބަލި ދަނީ ހައްތަހާ ބޮޑުވަމުންނެވެ. އެހެންވެ ވީހާ ވެސް އަވަހަކަށް ބޯންމެރޯ ހެދުމަށް ޑޮކްޓަރުން ލަފާ ދީފައިވެއެވެ.
"ފިރިމީހާގެ ފުރާނަ ސަލާމަތް ކުރެވެން އޮތީ ބޯންމެރޯ ހަދައިގެން." އޭނާ ބުންޏެވެ. "އެެހެންވެ ދަރިފުޅުވާ ގުރުބާނީއަކީ ވަރަށް ވެސް ބޮޑު ހިތްވަރެއް."
ލޫ ބުނި ގޮތުގައި ބައްޕައަކަށްޓަކައި ކޮންމެ ކަމެއް ކުރަން ވެސް އޭނާ ހުރީ ތައްޔާރަށެވެ.
"އަހަރެން ބޭނުން ވަނީ ބައްޕަ ބަލިން ސަލާމަތްވާން. އަހަރެން ފަލަވިޔަސް އެއީ މައްސަލައެއް ނޫން" އޭނާ ބުންޏެވެ.