ކުޑަކުއްޖަކު ހިފަހައްޓައި އަނިޔާކުރި މައްސަލައިގައި މީހަކު ޖަލަށް
ސުނާމީ ބިނާ ސަރަހައްދުގައި ކުޑަކުއްޖަކު ހިފަހައްޓައި އަނިޔާކުރި މައްސަލައިގައި މީހަކު ޖަލަށްލާން ކުްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ސުނާމީ ބިނާ ސަރަހައްދުގައި އޮންނަ ހުސްބިމަށް ކުޑަކުއްޖަކު ނުރުހުމުގައި ގެންގޮސް އެތަނުން ނުދެވޭނެހެން ހިފެހެއްޓި މައްސަލައިގައި ދައުވާކުރީ ވ.ރަކީދޫ / ވިލާޑީލައިޓް، އިބްރާހީމް ނާއިލް އަދި ރ. ދުވާފަރު / ފިނިރޯޅި، މުހައްމަދު އަޔާޒްގެ މައްޗަށެވެ.
އެ މައްސަލައިގައި ކުޑަކުއްޖާގެ ބުރަކައްޓާއި ގައިގެ އެކި ތަންޔަނުގައި ޖަހައި މާރާމާރީ ހިންގައި އަނިޔާކުރި މައްސަލައިގައި އިތުރު ދައުވާއެއް ނާއިލްގެ މައްޗަށް ކުރިއެވެ.
ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ނާއިލްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައިފައެވެ. އެގޮތުން ކުޑަކުއްޖާ ހިފެހެއްޓި މައްސަލައިގައި ނާއިލް ހަ މަހާއި އެއް ދުވަހަށް ޖަލަށް ލާން ހުކުމްކުރި އިރު އަނިޔާކުރި މައްސަލައިގައި އެއްމަހާއި ހަ ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލައިގައި ދައުވާ ލިބޭ އަޔާޒްގެ މައްސަލަ އެހެން ގާޒިއްޔާއަކުން ބެލުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެހެންވެ އަޔާޒްގެ މައްސަލަ އަދި ނުނިމެއެވެ.