ޚަބަރު

މޭރީ މަރާލިކަމަށް ތުހުމަތުކުރެވިފައިވާ އޭނާގެ ފިރިމީހާ އިސްލާމްވެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާވިން--

ރާއްޖޭގައި މަސައްކަތްކުރަމުން ދަނިކޮށް 2021ވަނަ އަހަރު މަރުވި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އިސްލާމްވެއްޖެއެވެ.

Ads by Allied

މޭރީ ދަންޖެހިގެން އަމިއްލައަށް މަރުވީ ކަމަށް ބުނެ އޭނާގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންދިޔައީ ވެސް މާވިންއެވެ. މާވިންއަކީ ވެސް ނަރުހެކެވެ. ނަމަވެސް އެ މަރުގައި ޝައްކުތަކެއް ހުރެގެން ފަހުން މާވިން ހައްޔަކުރިގޮތަށް އޭނާ މިހާރު ވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެ މައްސަލައިގައި ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު އެ މައްސަލަ މިހާރު ބައްލަވާ ގާޒީ މުޒައްމިލު ނާސިރު ވަނީ އިސްލާމިކް މިނިސްޓްރީން ކޯޓަށް ފޮނުވި ސިޓީއަކާ ހަވާލާދީ މާވިން އިސްލާމްވެފައިވާކަން ހާމަކޮށްފައެވެ. އަދި އޭނާގެ ނަން ޔޫސުފްގެ ނަމަށް ވެސް ބަދަލުކޮށްފައިވާކަމަށް ގާޒީ ވިދާޅުވިއެވެ.

މޭރީގެ މަރުގެ މައްސަލައިގައި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި ނަރުސް ހަލީމަތު ލަމްހާ ވެސް ހައްޔަރުކުރިއެވެ. އެ މައްސަލައިގައި ޝަރީއަތް ނިމެންދެން ލަމްހާ ވެސް ހައްޔަރުކޮށްފައި ހުރުމަށް ފަހު 2024ވަނަ އަހަރު ބަންދުން ދޫކޮށްލިއެވެ.

މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުން އޭނާގެ ބޮލަށް އަނިޔާ ކުރުމުގެ އިތުރުން ނޭވާ ހާސްކޮށްގެން މަރައިލައިފައިވާކަން ވަނީ ހާމަވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!