ޚަބަރު

މިއީ އެންމެންގެ ހަނގުރާމައެއް، ދުޝްމަނަކީ ކޮވިޑް-19: ޑރ. ނިޔާފް

ދެން އެމްވީ

މިއީ އެންމެންގެ ހަނގުރާމައެއް ކަމަށާއި ދުޝްމަނަކީ ކޮވިޑް-19 ކަމަށް އޭޑީކޭގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ވިދާޅުވެއްޖެއެވެ.

ނިޔާފް މިހެން ވިދާޅުވީ ފުރަތަމަ ފަހަރަށް މާލެއިން ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެންނެވެ. މިއާއެކު ކޮމިއުނިޓީ ސްޕްރެޑް ނުވަތަ އާންމުގެ ތެރޭގައި މި ބަލި ފެތުރިދާނެ ކަމުގެ ބިރުވެރިކަން މިވަނީ ބޮޑުވެފައެވެ.

ނިޔާފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތަކީ އެއްބައިވަންތަ ވާންވީ ވަގުތުކަމަށާއި ހިޔާލު ތަފާތުވުންތައް ދޫކޮށްލަން ޖެހޭ ކަމަށެވެ.

"އެކަކު އަނެކަކަށް އަޅާލާ އެހީވޭ، އަވަށްޓެރިންގެ ހާލު ބައްލަވާ. ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް އަޅުއްވައިގެން ގޭގައި މަޑުކުރައްވާ. އިންޝާﷲ އަޅުގަނޑުމެން މިކަމުން ސަލާމަތް ވާނޭ." ނިޔާފް ވިދާޅުވިއެވެ.

މިއަދު މާލެއިން ކޮވިޑަށް ފައްސިވެފައި ވަނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ މީހެކެވެ. މިއީ މާލޭ ތެރެއިން ފައްސިވި ފުރަތަމަ މީހާ އެވެ.

އެޗްޕީއޭއިން ބުނީ އޭނާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!