އަލިފާނާ ގުޅިގެން ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރުން މެދުކަނޑާލައިފި
މިހާރު ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާއާ ގުޅިގެން ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ކަންކަން މެދުކަނޑާލައިފިއެވެ.
އަލިފާން ރޯވެފައި ވަނީ މާފަންނު ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައެވެ. އެއީ އިންތިހާބީ މަރުކަޒާ ޖެހިގެން ހުރި ގުދަނެއް ވެސް މެއެވެ.
އިލެކްޝަންސްއިން މިރޭ ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށެވެ.އަދި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާރީހެއް ފަހުން އަންގާނެކަމަށް ވެސް އިލެކްޝަންސްއިން ބުންޏެވެ.
ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފެށީ އިއްޔެއެވެ. ކުރިން ނިންމާފައި އޮތީ މާދަމާގެ ނިޔަލަށް އިންތިހާބާ ބެހޭ މަރުކަޒުގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން މެންދުރު ފަހު 03:00އަދި ރޭގަނޑު 09:30އިން 12:00އަށް ސޮއިކުރުން ކުރިއަށް ގެންދިއުމަށެވެ.