ހުޅުމާލޭގައި 182 ފްލެޓުގެ މަަސައްކަތް ފަށައިފި
ބޭންކް އޮފް މޯލްޑިވްސްއިން ހުޅުމާލެ ފުރަތަމަ ފިހަޔަވަހީގައި އިމާރާތްކުރާ 182 ފްލެޓް މަޝްރޫޢުގެ ބިންގާ އަޅައިފި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ 'އެންމެންނަށް ބޯހިޔާވަހިކަން' ސްކީމްގެ ދަށުން ތަރައްގީކުރާ މި ފްލެޓުތައް އަޅަނީ ހުޅުމާލެ ސަހަރާ ކުރިމައްޗަށްވާ ގޮތަށް އޮތް ހުސް ބިމުގަ އެވެ. މި ހައުސިން ޔުނިޓު އިމަރާތްކުރުމުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އެވެ. މި ހަފުލާގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ ޗެއަޕަރަސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ އެމްޑީ ހަސަން ޝާމް އާއި އެފް ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އިބްރާހިމް ވަހީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ ގައުމީ ބޭންކެއްގެ އެންމެ އިސް މަސްއޫލިއްޔަތަކީ، ހަމައެކަނި މާލީ ފައިދާ ހޯދުމެއް ނޫން ކަމަށާ، ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކޮށް ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ގައުމީ ބޭންކެއްގެ އެންމެ މުހިންމު އެއް ދައުރެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ އިން ޖުމުލަ 3260 ހައުސިންގ ޔުނިޓް އަޅާނެ އެވެ. މި މިޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ އެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރަނީ 3 ކޮޓަރީގެ، ކޮލިޓި ރަނގަޅު އެޕާޓްމަންޓުތަކެކެވެ.ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވިލިމާލެއާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް 3 ގައެވެ. އެގޮތުން ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ. މިހާތަނަށް ވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހީގައި އިމާރާތް ކުރާ 1224 ހައުސިން ޔުނިޓްއާ ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅާފައިވެ އެވެ.