ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ
ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަން ހަމަޖެހިއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ލ. އަތޮޅުގައި ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަނީ ނިންމާލާފައެވެ. އާ އުޅަނދުތަކާއި ޚިދުމަތް ހޯދާނެ ގޮތްތަކަށް އެ އަތޮޅުގެ އާންމުން އަހުލުވެރިކުރުވުމަށްޓަކައި އެމްޓީސީސީގެ ފަރާތުން މިހާރު ވެސް ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. މިގޮތުން، ޚިދުމަތާ ގުޅޭގޮތުން ރައްޔިތުންނަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި އިއްޔެ ވަނީ ޚާއްޞަ ބައްދަލުވުންތަކެއް އެ އަތޮޅުގައި ބާއްވާފައެވެ.
ރާއްޖޭގެ ހުރިހާ ރަށެއް އެއް ދަތުރުފަތުރުގެ ވިއުގައަކުން ގުޅުވާލުމަށް ސަރުކާރުން ކަނޑައަޅާފައިވާ މައިގަނޑު އަމާޒުގެ ދަށުން، މިހާތަނަށް ޖުމްލަ 14އަތޮޅެއްގައި ހިމެނޭ 133ރަށަކަށް މި ފެރީ ނިޒާމު ވަނީ ފުޅާކުރެވިފައެވެ.