ޚަބަރު

ތިން ފުލުހަކު މަރަން އިންޒާރުދިން މީހަކު 6 މަސްދުވަހަށް ޖަލަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތިން ފުލުހަކު މަރަން އިންޒާރު ދިން މީހަކު 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

Ads by Hajj Corporation

ތިން ފުލުހަކަށް އިންޒާރު ދިން މައްސަލައިގެ ކުށް ސާބިތުވުމާ ގުޅިގެން 2020 އޮކްޓޯބަރ 4 ވަނަ ދުވަހު ހުކުމްކޮށްފައި ވަނީ ހދ. ކުޅުދުއްފުށި، މަންޒިލް، މުޙައްމަދު ވަޙީދު އިބްރާހީމް (20އ) ގެ މައްޗަށެވެ.

ދައުލަތުން މުޙައްމަދު ވަޙީދު އިބްރާހީމްގެ މައްޗަށް އިންޒާރު ދީފައިވާ ކުށުގެ ދައުވާ އުފުލާފައި ވަނީ، 2019 ޑިސެމްބަރ މަހުގެ ކުރީކޮޅުގެ ދުވަހެއްގައި ތިން ފުލުހެއްގެ ފޮޓޯ މީސް މީޑިއާގައި އާންމުކޮށް އެތިން ފުލުހުން މަރަންވީ ކަމަށް ބުނެފައިވާ މައްސަލައާއި ގުޅިގެންނެވެ.

މި ދަޢުވާ ޝަރީޢަތުން ބެލުމަށްފަހު ކޮށްފައިވާ ޙުކުމްގައި ބުނެފައި ވަނީ، މިމައްސަލައިގައި ދަޢުވާލިބޭ މުޙައްމަދު ވަހީދު އިބްރާހީމް ތަހުޤީޤު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި އިޢުތިރާފުވެފައިކަން އެނގެން އޮތުމުން، ޤާނޫނު ނަންބަރު 17/2010 ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ) ދަށުން އިންޒާރުދިނުމުގެ ކުށް ޝަރީޢަތަށް ސާބިތުވާކަމަށެވެ.

އެހެންކަމުން އޭނާގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ އިންޒާރު ދިނުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 17 / 2010 ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް (މިއީ މީނާގެ މައްޗަށް މިފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމުގައި ވުމުން) އެ ގާނޫނުގެ ދަށުން މުޙައްމަދު ވަޙީދު އިބްރާހީމް، 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް ކުރާ ކަމަށް ޤަޟިއްޔާގައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!