ޚަބަރު

އޯޓިޒަމް ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަކީ އިޖުތިމާޢީ ފޭރާން ވަރުގަދަވާނެ ކަމެއް: ރައީސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އޯޓިޒަމް ހުންނަ ފަރާތްތަކަށް މުޖުތަމަޢުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ އެމީހުން ބާރުވެރިކުރުވުމަކީ މުޅި ޤައުމުގެ އިޖުތިމާޢީ ފޭރާން ވަރުގަދަވެގެންދާނެ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Allied

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އޯޓިޒަމް ހޭލުންތެރިކަމުގެ ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްކޫލުތަކުގެ ތަޢުލީމީ ނިޒާމަކީ އެންމެން ޝާމިލުވާނެހެން އެކުލަވާލެވިފައިވާ ނިޒާމަކަށް ހެދުމުގެ އިތުރުން، މަސައްކަތުގެ މައިދާނަށް ނުކުތުމަށް ބޭނުންވާ ފަންނީ ތަމްރީނުތައް ފުޅާކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. މީގެ ބޭނުމަކީ އޯޓިޒަމް ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ނައްތާލައި، އެމީހުންނަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުން ކަމުގައި ރައީސް ބަޔާންކުރެއްވިއެވެ.

ސަރުކާރުން މިކަމަށް ޚާއްޞަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އޯޓިޒަމް ހުންނަ ކުދިންނަކީ ވެސް މުޖުތަމަޢުގެ ނުހަނު މުހިންމު ހިއްސާއެއްކަމަށާއި އެ ކުދިންނަށް ޅަފަތުގައި ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އާއިލާގެ ތެރެއިންނާއި، ތަޢުލީމީ މުއައްސަސާތަކުގެ އިތުރުން ވަޒީފާގެ މާޙައުލުގައާއި އާންމު ތަންތަނުގައި އެފަރާތްތައް ބާކީނުކޮށް ޝާމިލުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ ހެޔޮ ބަދަލެއް މުޖުތަމަޢަށް ގެނެވޭނީ އޯގާތެރިކަމާއި، ހޭލުންތެރިކަން އިތުރުކޮށް، އަމަލީގޮތުން މަސައްކަތްތަކެއް ކޮށްގެންކަން ރައީސް ފާހަގަކުރެއްވިއެވެ. އޯޓިޒަމް ހުންނަ ކޮންމެ ފަރުދަކީ ވެސް އަނެކާއެކޭ އެއްފަދައިން، ގަދަރުވެރިކަމާއި އިޙުތިރާމާ އެކު ދިރިއުޅުމުގެ ޙައްޤު ލިބިފައިވާ، އަދި މުޖުތަމަޢު ބަލައިގަންނަ ބަޔަކަށް ވާންޖެހޭނެކަން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.

Ads by Allied Insurance