ދެކުނު އޭޝިއާގެ ހަމަޖެހުމުގެ ބާރު: އީރާނު ހަނގުރާމައާއެކު އިންޑިއާގެ ސިޔާސީ ނުފޫޒު ވަރުގަދަވެއްޖެ
އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން، ދުނިޔޭގެ ސިޔާސީ މަސްރަހުގެ ހަގީގީ ސޫރަ އަނެއްކާވެސް މިވަނީ ހާމަވެފައެވެ. އެއީ މެދުއިރުމަތީގައި އުފެދޭ ކޮންމެ ލޮޅުމެއްގެ އަސަރު، އެ ސަރަހައްދުގެ ބޭރަށް، މުޅި ދުނިޔެއަށް ފޯރާކަމެވެ. ފެބުރުއަރީ މަހުގެ ފަހުކޮޅު ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކަކީ ހަމައެކަނި އަސްކަރީ ކުރިމަތިލުމެއްގެ ގޮތުގައި ފެށުނު ކަމެއް ނަމަވެސް، މިއަދު އެކަން ވަނީ ބޮޑު އިގްތިސާދީ ލޮޅުމަކަށް ބަދަލުވެފައެވެ. ވަކިން ހާއްސަކޮށް، ހޯރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ހުރަސް އެޅުމަކީ، ހަކަތައަށް ބަރޯސާވާ ދެކުނު އޭޝިއާ ފަދަ ސަރަހައްދުތަކަށް އޭގެ ނޭދެވޭ އަސަރު ވަގުތުން ފޯރި ކަމެކެވެ.
މި ނުތަނަވަސް ދަނޑިވަޅުގައި އިންޑިއާއިން ގެންގުޅޭ ސިޔާސަތު ފާހަގަކޮށްލެވެނީ ހަމައެކަނި އޭގެ ބޮޑުމިނަކުން ނޫނެވެ؛ އެހެންނަމަވެސް އެ ގައުމުގެ ސްޓްރެޓީޖިކް ސާފުކަމުގެ ސަބަބުންނެވެ. މި ދަތި ވަގުތުގައި އަމިއްލަ އެދުމަށްޓަކައި އެކަހެރިވުމުގެ ބަދަލުގައި، ނިއުދިއްލީން ވަނީ ސަރަހައްދީ ހަކަތައިގެ ހަމަޖެހުން ގާއިމުކޮށްދޭ ބާރެއްގެ ގޮތުގައި އަމިއްލަ ނަން ކުރިއަށް ނެރެފައެވެ. މިއީ އިއްތިފާގަކުން ވީ ކަމެއް ނޫނެވެ. މިއީ ތެޔޮ ސާފުކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާއިން ފާއިތުވި އަހަރުތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ.
މި ހަމަނުޖެހުމުގެ ސަބަބުން ކުރިމަތިވި ހަކަތައިގެ ކާރިސާއިން ހާމަވީ، ގަލްފުގެ ގައުމުތަކުގެ ތެލަށް ބަރޯސާވާ ދެކުނު އޭޝިއާގެ އިގްތިސާދުތަކުގެ ނާޒުކުކަމެވެ. ބަންގްލަދޭޝް، އޭޝިއާ، ސްްރީލަންކާ އަދި ޕާކިސްތާނަށް ސާފުނުކުރާ ތެލާއި، އެލްޕީޖީ އަދި ތެލުގެ އުފެއްދުންތައް ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ތެޔޮ ކޮންޓްރޯލްކޮށްގެން ދޫކުރުމާއި، ތަކެތީގެ އަގު އިންތިހާއަށް އުފުލުމާއި، ސިނާއީ މަސައްކަތްތައް މަޑުޖެހުން ފަދަ ކަންކަން ކުރިމަތިވިއެވެ. ގިނަ ގައުމުތަކުން މި އިގްތިސާދީ އިމްތިހާނުން ފޭލްވިއިރު، އިންޑިއާ އޮތީ މާ ރަނގަޅަށް ތައްޔާރުވެފައެވެ.
ދުނިޔޭގައި ހަތަރުވަނައަށް އެންމެ ގިނައިން ތެޔޮ ސާފުކުރާ އަދި ތެލުގެ އުފެއްދުންތައް ބޭރުކުރާ ގައުމެއްގެ ގޮތުގައި އޮތް އިންޑިއާއަށް މި ކާރިސާގައި ލިބުނީ ބޮޑު ކުރިއެރުމެކެވެ. އިންޑިއާއިން ގަލްފުގެ ގައުމުތަކުން ތެޔޮ އެތެރެކުރި ނަމަވެސް، އެ ގައުމުން ވަނީ އެކި ސަރަހައްދުތަކުން ތެޔޮ ހޯދައި، އެއް ގައުމަކަށް ބަރޯސާވުން ކުޑަކޮށްފައެވެ. އިންޑިއާއަށް ބޭނުންވާ ތެލުގެ ތެރެއިން ގަލްފުން އެތެރެކުރަނީ ގާތްގަނޑަކަށް 54 އިންސައްތައެވެ. ބާކީ ބައި އެހެން ގައުމުތަކުން ހޯދުމުގެ ސަބަބުން، މިފަދަ ކާރިސާގެ ވަގުތެއްގައި އަމިއްލަ ފައިމައްޗަށް ތެދުވެ ތިބުމުގެ ގާބިލުކަން އެ ގައުމަށް ލިބުނެވެ.
އިންޑިއާގެ ތެޔޮ ސާފުކުރާ ކާރުހާނާތަކުން އަމިއްލަ ގައުމުގެ ބޭނުންތައް ފުއްދުމަށްފަހު، އިތުރުވާ ތެޔޮ އަވަށްޓެރި ގައުމުތަކަށް ފޯރުކޮށްދިނުމުގެ ގާބިލުކަން ވެސް އެބަހުއްޓެވެ. އިންޑިއާގެ "ނެއިބަރހުޑް ފަސްޓް" (އަވަށްޓެރިންނަށް އިސްކަންދިނުން) ސިޔާސަތު، މި ކާރިސާގައި އަމަލީ ގޮތުން ފެނިގެން ހިނގައްޖެއެވެ. ސަރަހައްދީ ގައުމުތަކަށް ދަތިވާ ކޮންމެ ހިނދެއްގައި، އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމަކަށް އިންޑިއާ މިވަނީ ވެފައެވެ.
ބަންގްލަދޭޝްއަކީ މީގެ އެންމެ ފާހަގަކޮށްލެވޭ މިސާލެވެ. ހަކަތައިގެ 80 އިންސައްތައަށް މެދުއިރުމައްޗަށް ބަރޯސާވާ ބަންގްލަދޭޝްގެ ފެކްޓްރީތައް ބަންދުކުރަން ޖެހުނު ވަގުތު، އިންޑިއާއިން ވަނީ "އިންޑިއާ-ބަންގްލަދޭޝް ފްރެންޑްޝިޕް ޕައިޕްލައިން" މެދުވެރިކޮށް ޑީސަލް ފޯރުކޮށްދޭން ފަށާފައެވެ. މާރިޗު މަހުގެ ފަހުކޮޅާ ހަމައަށް 15,000 ޓަނުގެ ޑީސަލް ވަނީ ފޯރުކޮށްދީފައެވެ. މި އެހީތެރިކަމާއެކު ދެ ގައުމުގެ ސިޔާސީ ގުޅުންވެސް ވަނީ އާ ހަރުފަތަކަށް ގޮސްފައެވެ. ބަންގްލަދޭޝްގެ އާ ސަރުކާރުގެ ފޮރިން މިނިސްޓަރު އިންޑިއާއަށް ކުރެއްވި ޒިޔާރަތުން ދޭހަވަނީ، ދެ ގައުމުގެ ގުޅުމުގެ މައިބަދައަކީ ހަކަތައިގެ ދާއިރާކަމެވެ.
ސްްރީލަންކާއަށް ބަލާއިރު، އެ ގައުމުގެ އިގްތިސާދީ ނާޒުކު ހާލަތުގެ ސަބަބުން މި ކާރިސާގެ އަސަރު މާ ބޮޑަށް ކުރިއެވެ. ނަމަވެސް އިންޑިއާއިން ވަނީ ވަގުތުން 38,000 މެޓްރިކް ޓަނުގެ ތެޔޮ ފޯރުކޮށްދީ، ސްްރީލަންކާއަށް ދިމާވި ތެލުގެ ތަދުގެ 45 އިންސައްތަ ހައްލުކޮށްދީފައެވެ. ހަމައެފަދައިން ނޭޕާލް އަދި ބޫޓާނަށް ވެސް އެއްވެސް މެދުކެނޑުމެއް ނެތި އިންޑިއާއިން ދަނީ ތެޔޮ ފޯރުކޮށްދެމުންނެވެ.
ދިވެހިރާއްޖެއިން ވެސް ވަނީ ކުރު މުއްދަތާއި ދިގު މުއްދަތަށް ހަކަތަ ފޯރުކޮށްދިނުމަށް އިންޑިއާގެ އެހީތެރިކަމަށް އެދިފައެވެ. އިންޑިއާއިން މިކަމަށް އިޖާބަދީފައިވާއިރު، މިއިން ދޭހަވަނީ ސަރަހައްދީ ހަކަތައިގެ މައި ތަނބަކީ އިންޑިއާ ކަމަށް އެންމެން ގަބޫލުކުރާ ކަމެވެ. ކާރިސާގެ ވަގުތުތަކުގައި އިތުބާރު ހިފޭ ބައިވެރިއަކަށް ވުމަކީ ބައިނަލްއަގުވާމީ ގުޅުންތަކުގައި އެންމެ މުހިންމު ކަންތަކެވެ. އިންޑިއާއިން މިކަން ދަނީ ވަރަށް ފުރިހަމައަށް ސާބިތުކޮށްދެމުންނެވެ.
މި ހުރިހާ ކަމަކުން އެނގެނީ، އިންޑިއާ މިހާރު އޮތީ ސަރަހައްދީ ލީޑަރެއްގެ ޒިންމާ އުފުލަން ތައްޔާރަށް ކަމެވެ. އިންޑިއާގެ އަމަލުތައް ހުރީ ހަމައެކަނި އަމިއްލަ ފައިދާއަށް ބަލައިގެނެއް ނޫނެވެ؛ އޭގެ ބަދަލުގައި ސަރަހައްދީ ހަމަޖެހުމަށެވެ. މި ކާރިސާގެ ތެރެއިން އިންޑިއާއިން މިވަނީ އެ ގައުމުގެ ގާބިލުކަން ސިޔާސީ ނުފޫޒަށް ބަދަލުކޮށްފައެވެ. ނުތަނަވަސް ދުނިޔެއެއްގައި، އިންޑިއާއަކީ ހަމައެކަނި ކާރިސާތަކުން ރައްކާތެރިވާ ގައުމެއް ނޫނެވެ، އެއީ ކާރިސާތަކުން އަރައިގަތުމަށް މަގު ދައްކައިދޭ ބާރެކެވެ.